24 Nov 2013, 14:32
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު 3-3 އިން ދެޓީމް އެއްވަރުވެގެން ނިމިފައިވާއިރު، ވެސްޓްހޭމްގެ ދަނޑުގައި އެޓީމު އަތުން 3-0 އިން ޗެލްސީ މޮޅުވެއްޖެ އެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު ޖުމްލަ 12 މެޗު ކުޅެގެން 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލްއާއި ޗެލްސީ ވަނީ ލަނޑުގެ ގޮތުންނާއި ޕޮއިންޓުގެ ގޮތުން ވެސް ހަމަހަމަ ވެފައެވެ. ސައުތު ހެމްޕްޓަން އަތުން 2-0 އިން ރޭ މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު އާސެނަލް އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނިޓްގައި ލިވަޕޫލަށް ކުރިހޯދައިދިނީ އެޓީމުގެ ބްރެޒީލިއަން މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ އެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓް ފަހުން އެވަޓަންގެ ބެލްޖިއަމް ފޯވާޑް ކެވިން މިރަލޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ 19 ވަނަ މިނިޓްގައި އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.
ދެވަނަ ހާފްގެ ކުޅުން 2-1 އިން ލިވަޕޫލް ކުރީގައި އޮވެގެން ފެށި ނަމަވެސް އެވަޓަންއަށް ކުޅޭ ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ 72 ވަނަ މިނިޓާއި 82 ވަނަ މިނިޓުގައި ލިވަޕޫލް ކޮޅަށް ލަނޑު ޖަހައި މެޗުގެ ނަތީޖާ އެވަޓަން ކޮޅަށް އަނބުރާލާފަ އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖާ 3-3 އިން ހަމަހަމަކޮށްދިނީ ފަހު ވަގުތުގައި ޗެލްސީގެ ކުރީގެ ފޯވާޑް ޑެނީލް ސްޓްރިޖް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ވެސްޓްހޭމްގެ ދަނޑުގައި ރޭ ޗެލްސީއާ ދެކޮޅަށް އެޓީމު ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، 21 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފްރޭންކް ލަމްޕާޑު އެވެ. ޗެލްސީއަށް އެ ޕެނަލްޓީ ލިބުނީ، ވެސްޓްހެމްގެ ޑެމެލްސް ގޯލްކީޕަރު ޖަސީ ޖާސްކެލައިނެންއަށް ދިން ބެކްޕާހެއް، ޗެލްސީގެ އޮސްކާއަށް ލިބުމުން އޭނާ ބޯޅަ ހިފައިގެން ދެމިގަންނަން އުޅެނިކޮށް ގޯލްކީޕަރު އޭނާއަށް ފައުލްކުރުމުންނެވެ.
ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އޮސްކާ އެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިގެން ވެސްޓްހެމްއިން ކުޅުންވަރުގަދަކޮށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުން ދަނިކޮށް ލަމްޕާޑް ވަނީ، 82 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް މެޗު ކާމިޔާބުކޮށްދީފަ އެވެ.
އިނގިރޭސި ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސުވާންސީ އަތުން 2-1 އިން ފުލަމް ބަލިވިއިރު ހަލްސިޓީ ވަނީ 1-0އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ. ނޯވިޗް އަތުން 2-1 އިން ނިއުކާސަލް މޮޅުވިއިރު ސްޓޯކް ސިޓީ ވަނީ 2-0 އިން ސަންޑަލޭންޑް ބަލިކޮށްފަ އެވެ.