މައްޗަންގޮޅިގައި ހުރި ގެއެއްގެ ފުރަތަމަ ބުރިން ވެއްޓި މީހެއްގެ ބޯފަޅައިގެން ގޮސް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މައްޗަންގޯޅި ކުރެބީވިލާ ފުރަތަމަ ބުރިން ވެއްޓިފައި ވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ވެއްޓުނު އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ވެއްޓުނު މީހާ އަށް ފަރުވާދެމުން އަންނަ ކަމަށާއި އެ ހާދިސާގައި އެމީހާގެ ބޯފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޭސަންޓްގެ ބޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައި މިވަނީ، ބޯފަޅައިގެން ގޮސްފައި ވާތީ ސީޓީ ސްކޭނެއް ހެދުމަށް މަސައްކަތް ކުރަމުން ގެންދަނީ. ޕޭސަންޓް ގެނައި އިރު ވެސް ހޭހުރި ވާހަކަ ވެސް ދައްކާ، އެހެންވެ އޭނާ އެޑްމިޓްކުރުމާ މެދު އަދި ގޮތެއް ނުނިންމާ،" ޒީނާތު ވިދާޅުވި އެވެ.

މިދިޔަ ހަފްތާތެރޭގައި ވެސް ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ވެސް ވަނީ ގަލޮޅު ގެއަކަށް ވައްކަން ކުރަން ވަން ޒުވާނަކު ފަސް ވަނަ ބުރިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.