24 Nov 2013, 13:40
ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަން 3-0 އިން ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ލީގު ތާވަލުގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
ރޭގެ މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 13 މެޗު ކުޅެގެން 35 ޕޮއިންޓާއެކު އެވެ. އަދި ރޭގެ މެޗުން ބަލިވުމުން ޑޯޓްމަންޑް ވަނީ، 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް ވެއްޓިފަ އެވެ. ޖަރުމަނު ލީގުގެ ދެވަނައިގައި 31 ޕޮއިންޓާއެކު މިވަގުތު އޮތީ، ރޭ ހާތާ ބީއެސްސީ އަތުން 1-0އިން މޮޅުވި ބަޔާ ލެވަކޫސަން އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެޓީމުގެ ގޯލް ބަޔާންއަށް ހުޅުވާލަ ދިނީ، ޑޯޓްމަންޑުގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު މާރިއޯ ގޮޓްޒާއެވެ. ބަޔާންއަށް 35.1 މިލިޔަން ޕައުންޑަށް ސަމާ ޓްރާންސްފާގައި ބަދަލުވި ގޮޓްޒާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 10 މިނިޓް ތެރޭގަ އެވެ.
ބަޔާންގެ ދެވަނަ ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އާރްޔަން ރޮބޭން އެވެ. އަދި އޭގެ ދެ މިނިޓްފަހުން ފިލިޕް ލާމް ޑޯޓްމަންޑްގެ ގޯލްކުރިމަށްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ރަނގަޅު ކުޅުމެއް ޑޯޓްމަންޑުން ދައްކާފައިވާއިރު އެޓީމުގެ ރޮބާޓް ލެވަންޑޯސްކީއަށް ލަނޑުޖަހާނޭ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒެއް ނުވިއެވެ.
ބުންޑެސް ލީގާގައި 2010 ވަނަ އަހަރުގެ ފަހުން ހަތްފަހަރު މި ދެޓީމް ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ބަޔާންއަށް ޑޯޓްމަންޑްގެ މައްޗަށް ކާމިޔާބު ހޯދުނު މިއީ ފުރަތަމަ ފަހަރެވެ.
ޖަރުމަނު ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެފްސީ ނޫންބާގާއި ވުލްވްސްބާގް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. އަދި އެއިންޓްރެޗް ބްރައުންޝްވެއި އަތުން 1-0 އިން ސްޕޯޓް ކްލަބް ފްރެއިބާގް މޮޅުވިއިރު އެއިންޓްރެޗް ފްރެންކްފާޓްއާއި އެފްސީ ޝަލްކޭ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ހޮފެންހެއިމް އަތުން އޯގަސްބާގް މޮޅުވީ 2-0 އިންނެވެ.