06 Dec 2010, 07:24
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އައިޑީ ކާޑު ނަންބަރު ލިބިފައި ނުވާ 700 ވަރަކަށް މީހުން އެބަ ތިބި ކަމަށާއި އެ މީހުންގެ "ވަނަވަރު" ހަތަރު ދުވަހުގެ ތެރޭގައި އިލެކްޝަންސް އަށް ނުލިބިއްޖެ ނަމަ، އެ މީހުންނަށް ވޯޓް ލުމުގެ ހައްގު ނުލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބު ބޭވުމަށް ކަނޑައަޅާފައިވާ ދުވަހު، 5 ފެބްރުއަރީ 2011 އަށް، 18 އަހަރު ފުރޭ، ނަމަވެސް އައިޑީ ކާޑު ނަންބަރު ލިބިފައި ނުވާ 687 މީހުންގެ ނަންތައް ނޫސްތަކުގަ އާއި ކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށެވެ. އަދި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާ ފޯމު މެދިވެރިކޮށް އެ މީސްމީހުންގެ އައިޑީކާޑުގެ ނަންބަރު އިލެކްޝަން ކޮމިޝަނަށް އަންނަ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުގެ ކުރިން އެންގުމަށް ވެސް އެ ކޮމިޝަނުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި ހިމެނެނީ 224474 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ ދެ ވަނަ ދުވަހަށް ހަމަވެފައިވާ އިރު، މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކުގެ ސަބަބުން ރަޖިސްޓްރީއަށް ބަދަލު އަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.