24 Nov 2013, 13:17
މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓ) މުހައްމަދު ފަޔާޒުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި މެލޭޝިޔާގައި ހުންނަވާ ސަފީރު ކަމަށް މުހައްމަދު ފަޔާޒު ހަމަޖެއްސެވުމާމެދު މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށްފަހު ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ފަޔާޒު އެމަގާމަށް އައްޔަން ކުރުމަށް ހުށަހަޅުއްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް އެލަޔަންސްގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ފަޔާޒު މިހާރު ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް ކަމުގެ މަގާމުގަ އެވެ.