24 Nov 2013, 13:09
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ ބަންޑާރަ ނާއިބް މުހައްމަދު އަނިލް މިއަދު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަންޑާރަ ނާއިބް އަނިލް އަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެވެ.
ހުވާކުރެއްވުމާ އެކު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ބުނާގޮތުން ދައުލަތުގެ ބަންޑާރަ ނާއިބަކަށް ހުންނަވާ ބޭފުޅަކު އެ ކޮމިޝަންގެ މެމްބަރަކަށް ހަމަޖެއްސެވުމަކީ ލާޒިމްކަމެކެވެ.
އެ ރަސްމިއްޔާތުގައި ނައިބް ރައީސް ޑރ. މުހައްމަދު ޖަލީމް އަހްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެވެ.