24 Nov 2013, 13:00
ގާވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމާއި ވިޔަފާރި ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާ އެކު ހަތަރު މީހަލު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް "ބްލޫ ޑޯލްފިން ބާ" ކިޔާ ސަފާރީ ބޯޓެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅޭ އެތަކެތި ވިއްކަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެކެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ރޭ ހިންގި މި އޮޕަރޭޝަންގައި އެ ސަފާރީގައި ގަވާއިދާ ހިލާފަށް ގެންގުޅެމުން ދިޔަ 180 ފުޅި ބަނގުރަލާއި 244 ޕެކެޓް ބަނގުރާ ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ އެތަކެތި ރައްކާކޮށްފައިވަނީ އެ ސަފާރީގެ ފަލްކާ ތެރޭގައި ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ ސަފާރީގައި މިތަކެތި ގެންގުޅުމުގެ އެއްވެސް ހުއްދައެއް ލިބިފައިނުވާ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ވެސް ފުލުހުން ވަނީ ހުޅުމާލެ އަށް ބަނގުރާ އެތެރެކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަތަރި ދޯންޏަކުންނާއި މަރާމާތުކުރަމުންދާ ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފުލުހުން އަތުލައިގެންފި އެވެ.