24 Nov 2013, 12:57
ޅ.ކުރެންދޫ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއް ވަގަށް ނެގި މީހަކު އަރުވާލަން ހުކުމް ކޮށްފިއެވެ.
ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެއް އަހަރު ދުވަހަށް އަރުވާލަން ހުކުމް ކޮށްފައިވަނީ އެރަށު އާހަމަ، އަހުމަދު މުއީން، 20، ގެ މައްޗަށެވެ.
މުއީނު އަރުވާލަން ހުކުމް ކޮށްފައި ވަނީ އޭނާ އާއި އިތުރު މީހަކާ މިދިޔަ އާދީއްތަ ދުވަހު 2:30 ހާއިރު ޅ.ކުރެންދޫ ބަނދަރުގައި އަޅާފައި އޮތް "ވިންޓާ" ދޯންޏަށް އަރާ އެ ދޯނީގައި ހުރި ޕެޓްރޯލް ހަމެއް ވަގަށް ނަގާފައިވާ މައްސަލަ އޭނާގެ މައްޗަށް ސާބިތު ވުމާއި ގުޅިގެންނެވެ.
އެ މައްސަލައިގެ ޝަރީއަތުގެ މަޖިލިސްގައި މުއީނު ވަނީ އެ ޕެޓްރޯލް ހަން ވަގަށް ނެގިކަމަށް އަމިއްލައަށް އިއުތިރާފު ވެފައެވެ. އެގޮތުން ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުން މުއީން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިފަ އެވެ.
ފުލުހުން ބުނީ މުއީނަކީ މީގެ ކުރިންވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ތޫނު ހަތިޔާރު ހިފައިގެން އާންމު ތަންތާ އުޅުމުގެ މައްސަލައިގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށެވެ.