ސްކޮޓްލޭންޑް އިނގިރޭސި ވިލާތުން ވަކި ވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ މަގާމާއި ހައިސިއްޔަތު ލިބިގަތުމާ ބެހޭގޮތުން އެ ގައުމުގެ ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ޓަކައި ނަގާ ވޯޓު، 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

ސްކޮޓްލޭންޑަކީ އިނގިރޭސި ވިލާތް، ނުވަތަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޯރދަރން އަޔަރލެންޑުގެ މުލޫކިއްޔާގައި ހިމެނޭ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ތިން ގައުމަކީ އިންގްލެންޑް، ވޭލްސް އަދި އުތުރު އަޔަރލެންޑެވެ.

ސްކޮޓްލެންޑުގެ ޑެޕިޔުޓީ ފަރސްޓް މިނިސްޓަރ ނިކޮލާ ސްޓަރޖިއަން މިއަދު އިއުލާން ކުރައްވައިފައި ވަނީ، ފެންނަނުފެންނަ ވޯޓުގައި، އިނގިރޭސި ވިލާތުން ވަކިވާން ސްކޮޓްލެންޑުގެ ގިނަ ރައްޔިތުން ނިންމައިފި ނަމަ، 2016 މާރިޗު 24 ވަނަ ދުވަހު އެ ގައުމުން މިނިވަންކަން އިއުލާން ކުރާނެ ކަމަށެވެ.

ސްކޮޓްލެންޑް އިނގިރޭސި ވިލާތުގެ ދަށުން މިނިވަން ވެއްޖެ ނަމަ، އެ ގައުމުގެ މިހާރުގެ ގާނޫނު ހަދާ މަޖިލިސް "ސްކޮޓިޝް ޕާރލަމެންޓް" އުވައިލެވޭނެއެވެ. މި ޕާރލަމެންޓަކީ އިނގިރޭސި ދައުލަތުގެ މައި ޕާރލަމެންޓުން އުފައްދައިދީފައި ވާ، އެ ޕާރލަމެންޓުގެ ގާނޫނީ އިޚްތިޞާޞުގެ ދަށުގައި ހުންނަ ޖިސްމެކެވެ.

ސްކޮޓްލެންޑުގެ މިނިވަންކަމާ ބެހޭގޮތުން އިނގިރޭސި ދައުލަތާއި ސްކޮޓްލެންޑާ ދެމެދުގައި މަޝްވަރާ ކުރެވި ނިންމުނު ކަންތައްތައް އެކުލެވޭ "ހުދު ކަރުދާސް" މިއަދު ވަނީ ޝާއިއު ކޮށްފައެވެ. 620 ސަފުހާގެ މި ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އާއްމުކޮށް ލިބޭން ހުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"މި ހުދު ކަރުދާހަކީ މިނިވަން ސްކޮޓްލެންޑެއްގެ ފިކުރާ މެދު މިހާތަނަށް ޝާއިއު ކުރެވޭ އެންމެ ޝާމިލް، އެންމެ ފުރިހަމަ ލިޔުން. މިއީ ސްކޮޓްލެންޑްގެ އިތުރުން، މިނިވަން މުސްތަގިއްލު ގައުމެއްގެ ހައިސިއްޔަތު ލިބިގަންނާން އެދޭ ކޮންމެ ގައުމަކަށް ވެސް ފައިދާ ހުރި، ބޭނުންތެރި ލިޔުމަކަށް ވާނެ." ޑެޕިޔުޓީ ފަރސްޓް މިނިސްޓަރ ސްޓަރޖިއަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ލިޔުމަކީ ގައުމެއް މިނިވަންކަމުގައި އޮތުމުގެ މުހިއްމުކަން އިގުތިސާދީ، އިޖުތިމާއީ އަދި ޑިމޮކްރަޓިކް ނަޒަރުން ވިސްނައިގެން ބަޔާން ކޮށްދޭ ލިޔުމެއް ކަމަށެވެ.

ސްކޮޓްލެންޑުގެ މިނިވަންކަމާ ބެހޭ "ހުދު ކަރުދާސް" މިއަދު ޝާއިއު ކުރެވިފައި ވާއިރު، އަންނަ އަހަރު ނަގާ ވޯޓުގެ ކުރީން ރައްޔިތުންނަށް އެނގެން ޖެހޭ ކަންތައްތައް އެ ކަރުދާހުގައި ބަޔާން ކުރެވިފައި ވާނޭ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އަދި ސްކޮޓްލެންޑުގެ ވީހާ ގިނަ ރައްޔިތުން އެ ކަރުދާސް ކިޔައި، ގައުމުގެ ކުރިމަގާ މެދު ނިންމާ ގޮތެއް މައުލޫމާތު ލިބިތިބެ ނިންމުމަށް ވެސް އޮފިޝަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިނގިރޭސި ވިލާތާއި ސްކޮޓްލެންޑާގެ "ތަޚްތާއި ތާޖު އެއްކޮށްލައި"، އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅަކީ ސްކޮޓްލެންޑުގެ ވެސް ރަސްގެފާނު ނުވަތަ ރާނީ ކަމަށް ހަމަޖެހުނީ މީލާދީން 1603 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. ސްކޮޓްލެންޑް އިނގިރޭސި ވިލާތުގެ ބަޔަކަށް ވެފައި ވަނީ މީލާދީން 1706 ވަނަ އަހަރާއި 1707 ވަނަ އަހަރު، އެ ދެ ގައުމުގެ ޕާރލަމެންޓުތަކުން ފާސް ކުރި ދެ ގާނޫނެއްގެ ދަށުންނެވެ.