24 Nov 2013, 12:06
އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމާ ބެހޭގޮތުން އެ ގައުމާއި ދުނިޔޭގެ ބޮޑުބާރުތަކުގެ ގޮތުގައި ބެލެވޭ ހަ ގައުމާ ދެމެދުގައި، ސްވިޓްޒަރލެންޑުގެ ޖެނީވާގައި މިހާރު ކުރިޔަށް ދާ ވާހަކަދެއްކުންތަކުގައި، އިބްތިދާއީ އެއްބަސްވުމަކާ ހަމަޔަށް އައުދެވިއްޖެ ކަމަށް ޖެނީވާއިން ލިބޭ ރިޕޯޓުތައް ބުނެފިއެވެ.
ފަސް ދުވަސް ވާންދެން ދެކެވުނު ވާހަކަތަކަށް ފަހު، މިއަދު ހެނދުނު ވެވުނު އެއްބަސްވުމާ ބެހޭ ހުރިހާ ތަފްސީލުތަކެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އީރާނުން ޔުރޭނިއަމް ފައްކާ ކުރުމުގެ ގާބިލިއްޔަތުކަން އިތުރަށް ތަރައްގީ ކުރުން ހުއްޓައިލައި، ބަރުފެން އުފައްދާ އަރާކް ނިއުކުލިއަރު ރިއެކްޓަރު ބިނާކުރުމުގެ މަޝްރޫއު ވެސް ހުއްޓައިލާން އެއްބަސް ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހަމައެއާއެކު، އީރާނުގެ ނިއުކުލިއަރު މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ބަލައި އިންސްޕެކްޓް ކުރުމުގެ ފުރުސަތު ބައިނަލްއަގްވާމީ އިދާރާތަކަށް ވަރަށް ބޮޑަށް ހުޅުވައިލާން ވެސް އެ ގައުމުގެ އޮފިޝަލުން ވަނީ އެއްބަސް ވެފައެވެ.
މި އެއްބަސްވުމާ ގުޅިގެން، އީރާނާ ދެކޮޅަށް ހުޅަނގާއި، ހުޅަނގުގެ ގައުމުތަކުން ކޮންޓްރޯލް ކުރާ ބައިނަލްއަގުވާމީ އިދާރާތަކުން އަޅައިފައި ވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދެވޭނެއެވެ. ޖެނީވާ މަޝްވަރާތައް ފެށުމުގެ ކުރީން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ، އިބްތިދާއީ އެއްބަސްވުމަކާ ހަމަޔަށް އައުދެވިއްޖެ ނަމަ، އީރާނާ ދެކޮޅު ދަތި ކުރުމުގެ ފިޔަވަޅުތަކުން، ހަ ބިލިއަނާއި ހަތް ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ މިންވަރެއްގެ ލުޔެއް ދެވޭނެ ކަމަށެވެ.
އެއްބަސްވުމާ ގުޅިގެން، ބޭރުގެ ބޭންކުތަކުގައި ގަނޑު ކުރެވިފައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ އެކައުންޓްތައް އެ ގައުމަށް ލިބޭނެއެވެ. އަދި އަގުބޮޑު މައުދަންތަކާއި، ތެލާއި ގޭހުގެ އުފެއްދުންތަކާއި މަތިންދާބޯޓުގެ ބައިތައް އެ ގައުމުން ގަނެ، އެ ގައުމަށް ވިއްކުމާ ދެކޮޅަށް އެޅިފައި ހުރި ބައެއް ފިޔަވަޅުތައް އުވައިލެވޭނެއެވެ.
ޖެނީވާގައި ބޭއްވުނު ވާހަކަދެއްކުންތަކުގައި އީރާނާ އެކު މަޝްވަރާ ކުރަމުން ގެންދަނީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި ފްރާންސުގެ އިތުރުން ޖަރުމަނުގެ މަންދޫބުންނެވެ.
"އަހަރެމެންނަށް އެއްބަސްވުމަކާ ހަމަޔަށް އައުދެވިއްޖެ." މީގެ ގަޑިތަކެއް ކުރީން ކުރެއްވި ޓްވީޓެއްގައި، ޖެނީވާ ވާހަކަދެއްކުންތަކުގައި ބައިވެރި ވެވަޑައިގަންނަވާ އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖާވީދު ޒަރީފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ތަނުގައި، އިތުބާރާއި ދެނެގަތުން ވަރުގަދަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ އިތުރުން، ފަރަންސޭސި ޚާރިޖީ ވަޒީރު ލައުރެންޓް ފެބިއަސް އާއި، ޔޫރަޕިއަން ޔުނިއަނުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކެތަރިން އެޝްޓަންގެ ތަރުޖަމާނު މައިކަލް މޭން ވެސް ވަނީ އެއްބަސްވުމަކާ ހަމަޔަށް އައުދެވިފައި ވާކަން ކަށަވަރު ކޮށްދެއްވައިފައެވެ.
"މި ހިސާބަށް އަޅުގަނޑުމެންނަށް އައުދެވުނީތީ ވަރަށް އުފާ ކުރަން. އަޅުގަނޑުމެން ޔަގީން ކުރަނީ ދާއިމީ އެއްބަސްވުމަކާ ހަމަޔަށް ވަރަށް އަވަހަށް ދެވޭނެ ކަމަށް. މިއީ ޝާމިލް އެއްބަސްވުމަކާ ހަމަޔަށް ދިޔުމަށް ޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް." އެޝްޓަން ވިދާޅުވިއެވެ.
އީރާނުން އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް ބުނަމުން އައީ ވެވޭ ޔުރޭނިއަމް ފައްކާ ކުރުމަށް އެ ގައުމަށް ލިބިގެންވާ ހައްގު ދޫކޮށްލާ ގޮތަށް އެއްވެސް އެއްބަސްވުމެއް ނުވެވޭނެ ކަމަށެވެ. އިއްޔެގެ ހަވީރުގެ ވަގުތެއްގައި ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ވެސް އީރާނުގެ ޚާރިޖީ ވަޒީރުގެ ނާއިބު ޢައްބާސް އަރަޤްޝީ ވަނީ "އެއްބަސްވުމުގެ ޑްރާފްޓުގެ 98 އިންސައްތައާ މެދު އެއްބަސް ވެވިއްޖެ" ކަމަށާއި "އެހެން ނަމަވެސް، ޔުރޭނިއަމް ފައްކާ ކުރުމުގެ ދޮރު ބަންދު ވާ ގޮތަށް އީރާނުން އެއްބަސްވުމެއް ނުވާނެ" ކަމަށް ވިދާޅުވެފައެވެ.
ބޮޑުބާރުތަކާއި އީރާނާ ދެމެދު ފަހުގެ ތާރީޚެއްގައި ވެވުނު އެންމެ މުހިއްމު އެއްބަސްވުމަށް ފަހު، ޖެނީވާ ބައްދަލުވުމުގެ ބައިވެރީން ވަރަށް އަވަހަށް ނޫސް ކޮންފަރެންސެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމް ވަރަށް ބޮޑަށް ކުޑަ ކުރެވި މަހުދޫދު ކުރެވިއްޖެ ކަމަށާއި، އަދި ނިއުކުލިއަރު ބޮމަކާ ހަމަޔަށް އީރާން ވާސިލު ވާން އޮތް މަގު ބަންދު ކުރެވިއްޖެ ކަމަށެވެ.
ބުދަ ދުވަހު ފެށުނު ވާހަކަތައް ހުކުރު ދުވަހު ނިންމާ ގޮތަށް ކުރީން ހަމަޖެހިފައި އޮތް ނަމަވެސް، އިތުރު ދެ ދުވަހަށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހުނީ އެއްބަސްވުމަކާ ހަމަޔަށް އައުދެވުމުގެ ފުރުސަތު ބޮޑުވުމުންނެވެ.
ވާހަކަދެއްކުންތައް ފެށުމުގެ ކުރީން އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ، އެއްބަސްވުމަކަށް ނައުދެވިއްޖެ ނަމަ އީރާނާ ދެކޮޅަށް އެޅިފައި ވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
މިފަހަރުގެ ވާހަކަދެއްކުންތަކުގެ ކުރީން، މި މަހުގެ ކުރީކޮޅު ވެސް، ބޮޑުބާރުތަކާއި އީރާނުގެ މަންދޫބުން ޖެނީވާގައި ބައްދަލު ކުރެއްވިއެވެ. ނަމަވެސް އެ ފަހަރުގެ ބައްދަލުވުން ނިންމަވައިފައި މަންދޫބުން އެނބުރި ވަޑައިގަތީ ހުސްއަތާއެވެ. އެ ފަހަރުގެ މަޝްވަރާތައް ފޭލި ވުމުގެ އެންމެ ބޮޑު ސަބަބަކީ، ބަރުފެން އުފައްދާ އަރާކް ރިއެކްޓަރު ބިނާކުރުމުގެ މަޝްރޫއު ހުއްޓައިލާން އީރާން ދެކޮޅު ހެދުމެވެ.
ހުޅަނގުގެ ބާރުތަކުން އީރާނަށް ދަތިކޮށް، އެ ގައުމުގެ ނިއުކުލިއަރު ޕްރޮގްރާމް ހުއްޓުވާން މަސައްކަތް ކުރަނީ އެ ގައުމުން ނިއުކުލިއަރު ހަތިޔާރު އުފައްދައިފާނެ ކަމަށް ބުނެއެވެ. އީރާނުން މި ތުހުމަތާ ދެކޮޅު ހަދާއިރު، އެ ގައުމުގެ ނިއުކުލިއަރު މަޝްރޫއަކީ ކަރަންޓު އުފެއްދުމުގެ މަގުސަދުގައި ހިންގާ މަޝްރޫއެއް ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.
މެދުއިރުމަތީގައި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ނިއުކުލިއަރު މަޝްރޫއުތައް ހިންގައި، ނިއުކުލިއަރު ހަތިޔާރު އުފައްދަމުން ގެންދާ ކަން ސާބިތު ވެފައި ވާ ދައުލަތަކީ އިސްރާއީލެވެ. އިސްރާއީލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އަލިފުދާލުގެ 90 ވަރަކަށް ގަރާރާ ޚިލާފަށް، ފަލަސްތީނާއި ސީރިއާގެ ބިންތަކަށް ގަދަބާރުން ވެރިވެ، އެ ގައުމުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާ ދައުލަތެކެވެ. ނަމަވެސް މިހާތަނަށް ވެސް އިސްރާއީލުގެ ނިއުކުލިއަރު މަޝްރޫއު ހުއްޓުވުމަށް ޓަކައި ހުޅަނގުގެ ބާރުތަކުން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.