24 Nov 2013, 11:56
މިޞުރުގެ އަމަންއަމާންކަމާއި ހަމަޖެހުން ނަގައިލާން މަސައްކަތް ކުރާ ޖަމާއަތްތަކަށް ތުރުކީ ވިލާތުން އެހީތެރި ވެދޭ ކަމަށް ބުނެ، މިޞުރުގައި ހުންނަވާ ތުރުކީގެ އެންބެސެޑަރު ޙުސައިން އަވްނީ ބުސްތާލީމިޞުރުން ބޭރު ކޮށްލާންއެ ގައުމުގައި ވެރިކަން ހިންގާ އަސްކަރީ ސަރުކާރުން ނިންމައިފިއެވެ.
ތުރުކީ ވިލާތުން އެހީތެރި ވަނީ މިޞުރުގެ އަމަންއަމާންކަން ނަގައިލާ ކޮން ޖަމާޢަތަކަށް ކަމެއް، އަދި ވެދޭ އެހީތެރިކަމަކީ ކޮބައިކަމެއް، މިޞުރުގެ ވެރިކަން ހިންގާ ފަރާތްތަކުން ބުނެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން މިޞުރުގެ ޚާރިޖީ ވުޒާރާގެ ކަންތައްތަކަށް އިސްވެވަޑައިގެން ހުންނެވި ބަދްރު ޢަބްދުލަތީ ވިދާޅުވެފައި ވަނީ "ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ ޢާއްމު ވިސްނުން މިޞުރާ ދެކޮޅަށް އަނބުރައިލާން" ކަމަށެވެ.
ޢަބްދުލަތީ ވިދާޅުވި ގޮތުގައި މިޞުރުން ވަނީ ތުރުކީއާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭގޮތުން ތިން ނިންމުމެއް ނިންމައިފައެވެ.
"އެންމެ ފުރަތަމަ ނިންމުމަކީ، މިޞުރުގައި ހުންނަވާ ތުރުކީގެ އެންބެސެޑަރު ފޮނުވައިލައި، ދެ ގައުމުގެ ގުޅުން ދެވަނަ ދަރަޖައަށް ތިރި ކޮށްލުން. ދެވަނަ ކަމަކީ ތުރުކީގެ އެންބެސެޑަރަކީ މިޞުރުގައި މަރުހަބާ ކިޔޭ ބޭފުޅެއް ނޫން ކަމަށް ކަނޑައެޅުން. ތިންވަނަ ކަމަކީ ތުރުކީއަށް މިޞުރުގެ އެންބެސެޑަރަކު ކަނޑަނޭޅުން." ޢަބްދުލަތީ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި މިޞުރުގެ ވެރިކަމަށް އިސްވެގެން ތިބި ފަރާތްތަކުގެ މި ނިންމުމަކީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގައި ހުންނަވައިގެން، ތުރުކީ ވިލާތުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އުރްދުޣާން ދެއްކެވި ވާހަކަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެކެވެ. އެ ދުވަހު އުރްދުޣާން ވަނީ މި އަހަރުގެ އޯގަސްޓް މަހު، މިސުރުގެ އަސްކަރިއްޔާއިން، ރައީސް ޑރ. މުރްސީގެ ސަޕޯޓަރުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވައިފައެވެ.
ބުރާސްފަތި ދުވަހު އުރްދުޣާން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، މިޞުރުގެ ޚާރިޖިއްޔާގެ މައްޗަށް އިސްވެހުންނެވި ޢަބްދުލަތީ ވިދާޅުވީ "އެއީ މިޞުރު ރުޅިއެރުވުމުގެ ގޮތުން ދައްކާ ވާހަކަތަކެއް" ކަމަށާއި، "އެއީ މިޞުރުގެ ދާޚިލީ ކަންކަމާ ބެހިގަތުން" ކަމަށެވެ.
އަލްޖަޒީރާގެ މުރާސިލުން ބުނާގޮތުގައި، މިޞުރުގެ އިސްލާމީ ސަރުކާރު ވައްޓައިލައި އެ ގައުމުގެ ވެރިކަމާ އަމިއްލަޔަށް ގަދަބާރުން ހަވާލު ވެގެން ތިބި މީހުންނާއި އެމީހުންގެ ސަޕޯޓަރުން އެންމެ ބޮޑަށް ރުޅި އަންނަ އެއް ކަމަކީ، ބޮޑުވަޒީރު އުރްދުޣާން، ރާބިޢާ ނިޝާން ތަކުރާރުކޮށް ބޭނުން ކުރެއްވުމެވެ. އަތުގެ ބޮޑުވައި އިނގިލި، އަތްތިލައިގެ ބަނޑަށް ލަންބައިލައި، ހަތަރު އިނގިލި ދައްކައިގެން ކުރާ މި އިޝާރާތަކީ ވެރިކަމުން ދުރު ކުރެވިފައި ވާ ޑރ. މުރްސީގެ ސަޕޯޓަރުންގެ ރަމްޒެއް ކަމަށް ވަނީ ވެފައެވެ.
މިޞުރުގެ ވެރިކަމާ ހަވާލު ވެގެން ތިބި ފަރާތްތަކުން އެޅި ފިޔަވަޅުތަކާ ގުޅިގެން ތުރުކީ ސަރުކާރުން ވެސް ވަނީ އެކަށީގެންވާ ގޮތަކަށް އެ ފިޔަވަޅުތަކަށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ. "އަހަރެމެންގެ އެންބެސެޑަރާ މަޝްވަރާ ކުރުމަށް ފަހު، އެކަށީގެންވާ ފަދަ ގޮތެއްގައި، އަހަރެމެން އަޅާން ޖެހޭ ފިޔަވަޅުތައް އަޅާނަން." ތުރުކީގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލަވަންތު ގުމްރުޚޫ ވިދާޅުވިއެވެ.
ތުރުކީ ވިލާތަކީ މިޞުރުގައި ރައްޔިތުންގެ ވޯޓުން، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގައި ހޮވުނު ފުރަތަމަ ރައީސް ޑރ. މުޙައްމަދު މުރްސީގެ ވެރިކަން، އަސްކަރީ ބަޣާވާތަކުން ވައްޓައިލި ވައްޓައިލުމާ ދެކޮޅަށް އެންމެ ފާޅުގައި، އެންމެ ހަރުކަށިކޮށް ވާހަކަ ދައްކަމުންދާ އިސްލާމީ ގައުމެވެ. ތުރުކީ ވިލާތުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބު އުރްދުޣާން ވަނީ ތަކުރާރު ކުރައްވައި، މިޞުރުގެ އިސްލާމީ ސަރުކާރު ވައްޓައިލީ "ގަބޫލު ނުކުރެވޭނޭ ބަޣާވާތަކުން" ކަމަށް ވިދާޅުވެފައެވެ.
އޯގަސްޓް މަހުގެ 14 ވަނަ ދުވަހު މިޞުރުގެ އަސްކަރިއްޔާއިން ޑރ. މުރްސީގެ ސަޕޯޓަރުންނާ ދެކޮޅަށް ހިންގި އަނިޔާތަކާ ގުޅިގެން، އުރްދުޣާން މިޞުރަށް ފާޑު ވިދާޅުވާ ވިދާޅުވުން ވަނީ އިތުރަށް ހަރުކަށި ވެފައެވެ. އެ ދުވަހުގެ ގަތުލުއާއްމުތަކާ ގުޅިގެން ދެ ގައުމުން ވެސް އެންބެސެޑަރުން "އިތުރު މަޝްވަރާއަށް ޓަކައި" އަނބުރައި ގެންދިޔައެވެ. ނަމަވެސް ފަހުން، ތުރުކީގެ އެންބެސެޑަރު ބުސްތާލީ ވަނީ ޤާހިރާއަށް ވަޑައިގެންފައެވެ. މިޞުރުގެ އެންބެސެޑަރު އޭގެ ފަހުން، އެނބުރި ތުރުކީއަށް ވަޑައިގެންފައެއް ނުވެއެވެ.