06 Dec 2010, 06:50
ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތަކުގައި ބޮލުގެ އިންޖަރީތައް އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުން އެފަދަ ކޭސްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ނިއުރޯ ސާޖަން އަކާއެކު އައިޖީއެމްޗުން ކޮންޓްރެކްޓެއް ހަދައިފި އެވެ.
މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޒުބައިރު މުހައްމަދު މިއަދު ވިދާޅުވީ ޕާކިސްތާނުގެ ނިއުރޯ ސާޖަން އެއް ކަމަށްވާ ޑރ. އާބިދު ހުސައިން އާއެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހަދައި އިއްޔެ އިން ފެށިގެން އޭނާ އައިޖީއެމްއެޗްގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލު ކަމެއް މިހިނދަށް ދޭން ޖެހިފައިވާ ދާއިރާއެއް މިއީ. ސަބަބަކީ މިފަދަ ސާޖަނަކު ނެތުމާއި ފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަވެ ބޮލުގެ އިންޖަރީތައް އާދަޔާ ހިލާފަށް އިތުރުވުން. އެހެންވެ މިކަމަށް ހާއްސަ ކަމެއް ދީގެން އަޅުގަނޑުމެން މި ކޮންޓްރެކްޓ ހެދީ،" ޒުބައިރު ވިދާޅުވި އެވެ.
ޕާކިސްތާނުގެ ސާޖަންއާއެކު ހެދި ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓްގެ އަގެއް ޒުބައިރު ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ޑރ. އާބިދުއާއެކު ކޮންޓްރެކްޓްކޮށްފައި ވަނީ ބޯޑުން މަޝްވަރާކުރުމަށް ފަހު ރީޒަނަބްލް އަގެއް ދޭ ގޮތަށް ކަމަށެވެ.
ޒުބައިރު ވިދާޅުވީ ޑރ. އާބިދު އައިޖީއެމްއެޗްގައި މަސައްކަތް ފެއްޓެވުމުން ބޮލުގެ އިންޖަރީތަކާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލަށް ދިމާވަމުން އަންނަ ހާސްކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މިފަދަ ސާޖަން އަކު ހޮސޕިޓަލުގައި ހުރި ނަމަވެސް އޭގެ ފަހުން އެފަދަ ތަޖުރިބާކާރަކު ނެތި މިދިޔައީ މިހާރު އަޅުގަނޑުމެން މިކަން ކުރަން ޖެހުނީ ބޮލުގެ އިންޖަރީތައް ގިނަވެގެން،" ޒުބައިރު ވިދާޅުވި އެވެ.