24 Nov 2013, 11:50
ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކެބިނެޓްގެ ފަސް ވަޒީރަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒު މިއަދު ވިދާޅުވީ އެ ފަސް ބޭފުޅުންނަށް ރުހުން ހޯދުމަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ރުހުން ހޯދުމަށް ފޮނުވާފައި ވަނީ އެންމެ ފުރަތަމަ ހުވާކުރެއްވި ފަސް ވަޒީރުން ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ނަންފުޅެވެ.
ކެބިނެޓަށް މިހާރު އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ "ދިވެހިރާއްޖޭގައި މި ދާއިރާތަކުން ފެންނަން ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް،" ބޭފުޅުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މުއާޒު ވިދާޅުވީ ބާކީ ތިއްބެވި މިނިސްޓަރުންގެ ނަންފުޅުތައް ވެސް ވަރަށް އަވަހަށް މަޖިލީހަށް ރުހުން ހޯދަން ފޮނުއްވާނެ ކަމަށެވެ.
އާ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުން މިހާރު އައްޔަންކޮށް ނިމިފައިވާއިރު މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ޖަލްސާ މިހަފްތާގައި ބާއްވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.