ދުނިޔޭގެ ޖައްވު ހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭސްތައް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ހުރިހާ ގައުމަކުން އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ ގައުމުތަކުން އެކަމަށް އެއްބަސްވީ ޕޮލެންޑްގެ ވެރިރަށް ވާސޯގައި އޮތް ކޮންފަރެސް އޮފް ޕާޓީސް ޓް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 19 ވަނަ ބައްދަލުވުން (ކޮޕް 19 ކޮންފަރެންސް )ގަ އެވެ.

ތިމާވެއްޓާ ބެހޭ ހަބަރުތައް ގެނެސްދޭ ނޫހެއްކަމަށްވާ "ދަ އިކޮލޮޖިސްޓް" ބުނީ އެކަމުގައި ގައުމުތަކަށް އެއްބަސްވުމަކަށް އާދެވުނީ ކޮންފަރެންސް ނިންމާލުމަށް ކުރިން ހަމަޖައްސާފައިވާ ވަގުތަށް ވުރެ 30 ގަޑި އިރު އިތުރަށް ކުރިއަށް ގެންގޮސްގެން ކަމަށެވެ.

ޖައްވަށް ބޭނުންކުރާ ގްރީންހައުސް ގޭސް މަދުކުރުމުގައި އެއްބަސްވުމަކަށް އާދެވުނީ މިހާރު ހަމަޖެހިފައި ހުރި ގޮތްތަކުގެ ތެރެއިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މުއްސަނދިގައުމުތަކުން ފައިސާ ލިބޭ ގޮތަށް ހަމަޖެހުމުންނެވެ.

ކޮޕް 19 ކޮންފަރެންސްގައި ރާއްޖޭން ވެސް ބައިވެރިވި އެވެ.

ދިވެހި ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުން ޖަޕާނުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު މިސްޓަރު ނޮބުތެރު އިޝިހަރަ އާއި ބައްދަލުކުރެއްވި ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ޤައުމުތަކަށް ދިމާވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ތިން އަހަރުތެރޭގައި 16 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ޖަޕާނުން ވައުދުވެފައިވާ ކަމަށެވެ. ރާއްޖެ އާއި ޖަޕާނާއި ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމް (ޖޭސީއެމް)ގެ ދަށުން އިތުރު ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭގޮތުން ވެސް ޖަޕާނާ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިރުތުން ދިވެހި ރާއްޖެ އާއި އިންސްޓިޓިއުޓް ފޯ ސަސްޓެއިނަބަލް ސްޓަޑީސް (އައިއޭއެސްއެސް) އާއި ގުޅިގެން ކްލައިމެޓް ފޯ ކްލީން އެއާ ކޯލިޝަން (ސީސީއޭސީ)ގެ ފަރާތުން ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓަންޓްސް އިން ސައުތު އޭޝިޔާގެ ނަމުގައި ސައިޑް އިވެންޓެއްވެސް ވަނީ ބާއްވާފަ އެވެ. މި އިވެންޓްގައި ދިވެހިރާއްޖޭގެ ފަރާތުން މޮންޓްރިއާލް ޕްރޮޓޮކޯލާއި ކިޔޯޓޯ ޕްރޮޓޮކޯލް ތަންފީޒް ކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއި އަދި އެ ހުރަސްތަކަށް އަލިމަގެއް ހޯދުމުގެ ގޮތުން ސީސީއޭސީ އާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްރަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދެއްކި އެވެ.