ތިރީސް އަށްވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިން ކްލަބް (ޑީއެސްސީ) އިން ހޯދައިފި އެވެ.

މިމަހުގެ 19 އިން އިއްޔެގެ ނިޔަލަށް މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިން ކްލަބު ހޯދާފައިވަނީ މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އިވެންޓްތަކުން ރަންވަނަތަކެއް ހޯދުމަށްފަހު އެވެ.

މި މުބާރާތުގެ ފައިނަލް އިވެންޓްތަކުގައި ވެސް ދިވެހި ސިފައިން ކްލަބުގެ ޓީމްވަނީ ރަންވަނަތަކެއް ހޯދާފަ އެވެ. އެ ގޮތުން އަންހެން 200 މީޓާ ފްރީ ސްޓައިލް ފެތުމުން ޑީއެސްސީގެ އައިމިނަތު ޝަޖާން އެއް ވަނަ ހޯދާފައިވާއިރު ހަމަ މި އިވެންޓުން ދެ ވަނަ ހޯދާފައިވަނީ ޑީއެސްސީގެ އައިޝަތު ސާޖިނާ އެވެ. އަދި އަންހެން 400 މީޓާ ފްރީ ސްޓައިލް ފެތުމުން އެ ޓީމުގެ އައިމިނަތު ޝަޖާން އެއް ވަނަ ހޯދާފައިވާއިރު 4x50 މީޓާ އަންހެން ފްރީ ސްޓައިލް ރިލޭ އިވެންޓްގެ އެއްވަނަ ހޯދާފައިވަނީވެސް ދިވެހި ސިފައިން ކްލަބެވެ.

އިއްޔެ ހަވީރު ކުރިއަށްދިޔަ ފައިނަލް ބުރުގެ ފިރިހެން ކެޓަގަރީގެ 4x50 މީޓާ ފްރީ ސްޓައިލް ރިލޭއިން ވެސް އެއް ވަނަ ހޯދާފައިވަނީ ދިވެހި ސިފައިން ކްލަބެވެ.

މީގެ އިތުރުން މިކެޓަގަރީގެ އިންޑިވިޖުއަލް އިވެންޓްތަކުގެ ތެރެއިން 200 މީޓާ ފްރީ ސްޓައިލް ފެތުމުން ޑީއެސްސީގެ ނިޝްވާން އިބްރާހީމް އެއްވަނަ ހޯދާފައިވާއިރު މި އިވެންޓުން ދެ ވަނަ ހޯދާފައިވަނީ ނަޒްރާން ނަޒީރެވެ. އަދި 100 މީޓާ އިންޑިވިޖުއަލް މިޑްލޭ ރިލޭއިން ޑީއެސްސީގެ ހަސަން އަޝްރަފް އެއް ވަނަ ހޯދާފައިވާއިރު މި އިވެންޓުން ދެ ވަނަ ހޯދާފައިވަނީ ސިފައިން ކްލަބްގެ އަބްދުﷲ ރިޔާޒެވެ. އަދި މިއެވެންޓުން ތިން ވަނަ ހޯދާފައިވަނީވެސް ޑީއެސްސީގެ ފެތުންތެރިއެއް ކަމުގައިވާ މުހައްމަދު ޒަޔާނެވެ.

މިމުބާރާތް ނިމުމުން ވަނަވަނައަށްދިޔަ ފަރާތްތަކަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދެވެ.