24 Nov 2013, 10:40
ބޮޑެތި މަޝްރޫއުތަކެއް ފެށުމަށް ކަމާ ބެހޭ ފަރާތްތަކާ އެކުގައި މިއަދު މަޝްވަރާތައް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ އެ އަވަށު ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިން ސަރުކާރުން ކަންތައްތައް ކުރަމުން އައި އުސޫލު ބަދަލުކުރައްވައި އިގްތިސާދީ ދާއިރާގައި ފައްޓަވަން ޖެހޭ ބޮޑެތި މަޝްރޫއުތަކަށް ހުއްދަ ދެއްވުމާ ބެހޭ ގޮތުން މިނިސްޓަރުންނާ މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ.
"ރާއްޖެ އަށް އިގްތިސާދީ ބޮޑެތި އާ މަޝްރޫއުތައް ގެނައުމާ އެކީ ބޭރު ފައިސާ އިތުރުވާނެ ގޮތް ނިންމުން. އަދި ގެންނަ އާ މަޝްރޫއުތަކުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ޔާމީން ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެގޮތުން އާއިލާ ރޫޅިގެން ގެދޮރުގެ ދަތިކަން ދިމާވެފައިވާ އަންހެން ބޭކަނބަނލުންނަށް އާއިލާއިން ނުވަތަ ޝަރުއީ ނިޒާމުން ހައްލެއް ލިބެންދެން ސަރުކާރުން އެކަމަށް ކޮންމެވެސް ކަހަލަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ މިއަހަރު ހުށަހަޅާ ބަޖެޓުގައި ހިމެނިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޒުވާނުންނަށް ވަޒީފާ ހޯދުމަށް އެންމެ ދަތިވާ އެއްކަމަކީ ކުދިކުދި ކުށްތައް ހިމެނޭ ކުށުގެ ރެކޯޑްތައް ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކޮންމެވެސް ވަރެއްގެ ރެކޯޑެއް އޮންނަ ޒުވާނުން އެކަންތައްތަކުން ފިލުވުމަށް ޓަކައި މިމަސް ނިމުމުގެ ކުރިން އެކަމުގެ އަމަލީ މަސައްކަތް ވެސް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބޮޑެތި ކަންތަކުގައި ކުށުގައި ތިބި ކުދިން ފިޔަވައި އާދައިގެ ކަންކަމުގައި ސުވާލު ކޮށްލާފައި ކުރިއަށް ނުގޮސް ހުރި ހުރިހާ މައްސަލައެއް މިމަހުގެ ނިޔަލަށް މިބަލަނީ ކުލިއާ [ސާފުކުރެވޭ] ކުރެވޭތޯ. އެ މަސައްކަތް އެއޮތީ ފެއްޓިފައި،" ޔާމީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ޒުވާނުންނަށް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ 300 މިލިއަން ރުފިޔާގެ ބަޖެޓު މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް ދެއްވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހަށް ގުޅިވަޑައިގަތް ވަޒީރުން ޕީޕީއެމުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށް ޓަކައި މިހާރު ވެސް 100 ދުވަހުގެ ރޯޑް މެޕެއް އެކުލަވާލަން ފައްޓަވާފައިވާ ކަމަށާއި އަދި ބައެއް ކަންތައް ފައްޓަވާފައިވާ ކަމަށް ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ މިނިސްޓްރީއަކުން ވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"ޔޫތު މިނިސްޓަރު ކައިރީގައި ދެންނެވިން ކުޅިވަރުގެ ދާއިރާ އިން ބޭނުންވާ ކަންތަކާއި ޒުވާނުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި "ޓަކި" ޖައްސަވަން ޖެހޭނެ ކަމަށް. އެހެންކަމުން ހުރިހާ ޒުވާނުންނަށް ދައްނަވާލަން ބޭނުމީ އެމަނިކުފާނު [ޔޫތު މިނިސްޓަރު] އެ މަސައްކަތް ފައްޓަވައިފިއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިލިމާލޭގައި މިހާރު ހުރި ސިއްހީ މަރުކަޒު، ސަރުކާރާ ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވެފައިވާ ވައުދު ކުރިއަށް އޮތް ދެ މަސް ތެރޭގައި ފުއްދައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފެއްޓެވުމަށް ހެލްތު މިނިސްޓަރު އަރިހު ދަންނަވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.