އޮލިވިއޭ ޖިރޫ ޖަހައިދިން ދެ ލަނޑުން ސައުތު ހެމްޕްޓަން އަތުން 2-0 އިން މޮޅުވެ އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ އެޓީމު ކުޅުނު 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލްއާއި ޗެލްސީއަށް 24 ޕޮއިންޓް ލިބިފައިވާއިރު ރޭގެ މެޗުން ބަލިވުމުން ސައުތުހެމްޓަން އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ.

އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނިޓުގައި ޖިރޫ ކާމިޔާބުކުރީ ސައުތުހެމްޕްޓަންގެ ގޯލްކީޕަރަށް ދިން ބެކްޕާހެއް ކީޕަރު އާތުރު ބޮރޫޗަށް ފޮނުވާ ނުލެވިގެން އުޅެނިކޮށް ބޯޅައިގައި ފައިންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ޖިރޫ ކާމިޔާބުކުރީ ސައުތުހެމްޕްޓަންގެ ޕެނަލްޓީއޭރިޔާ ތެރެއިން އެޓީމުގެ ޕޯޗުގީޒް ޑިފެންޑަރު ހޯޒޭ ފޮންޓޭ، އާސެނަލްގެ ޖަރުމަން ޑިފެންޑަރު ޕާ މާޓަސެކާގެ ޖާޒީގައި ހިފައި ދަމައިގަތުމުން އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ރޭގެ މެޗުގައި އާސެނަލްގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް، މި ސީޒަންގައި ލީގުގެ ކުޅުން ފެށި ދުވަހު އާސެނަލްގެ އަމިއްލަ ދަނޑުގައި އެސްޓަންވިލާ އަތުން 3-1 އިން ބަލިވި މެޗަށް ފަހު، އާސެނަލް ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. އަދި މިއީ 2012 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސްފަހަރަށް އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނީ، ކިތަންމެ އުނދަގުލުން ނަމަވެސް އޭނާގެ ޓީމު މެޗު ކާމިޔާބުކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށާއި އަދި ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފް ކުރާ ކަމަށެވެ.