24 Nov 2013, 10:21
ކަންނެއްޔަށް ނުކުމެ އުޅެނިކޮށް "ކަނޑުރޯދި" ނަމަކަށް ކިޔާ ދޯންޏެއް ހަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
ގެއްލިގެންހޯދާ ދޯންޏަކީ ހ. ހަންޏާމީދޫގެ ޢަބްދުﷲ ރަޝީދުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ދޯންޏެކެވެ.
އެމްއެންޑީއެފްއިން ބުނީ އެ ދޯންޏަކީ 75 ފޫޓް ދިގު ބޯޓްގެ ބޭރުގައި ގަދަ ނޫ ކުލަ ލާފައިވާ ދޯންޏެއް ކަމަށެވެ. އަދި
އެ ދޯނީގެ ދިރުނބާކޮޅުގެ ގެގަނޑުގައި ހުދުކުލަ ލާފައިވާ އިރު ދޯނީގެ މަތީގައި ލާފައި ހުންނާނީ އޮރެންޖު ކުލަ ކަމަށް ވެސް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފްއިން ބުންޏެވެ.
ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފްއިން ބުނީ އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 0800 ހާއިރު ތ. އަތޮޅު ފަހަލައިގެ އިރުން 54 ނޯޓިކަލް މޭލު ބޭރުން ދަނިކޮށް ކަމަށެވެ.
އެދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާރު ދިނުމަށް އެދޭކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ފެކްސް ކުރާ ނަމަ 3391665 އަށް ފެކްސް ކުރުމަށް އެދޭ ކަމަށް ވެސް އެމްއެންޑިއެފްއިން ބުނެ އެވެ.