ބެއިޖިންގް (ނޮވެމްބަރު 24) :ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ދިޔާވްޔޫ ޖަޒީރާތައް ހިމެނޭ ގޮތަށް އިރުމަތީ ޗައިނާ ކަނޑުގައި "ވައިގެ ދިފާޢީ ސަރަހައްދެއް" ޗައިނާ އިން ގާއިމްކޮށްފި އެވެ.

ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނީ ވައިގެ ދިފާޢީ މި ސަރަހައްދަށް ބޭރުގެ އެއްވެސް ގައުމެއްގެ މަތިންދާބޯޓެއް މީގެފަހުން ވަންނަން ޖެހޭނީ ޗައިނާގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމަށާ މިއާޚިލާފަށް އެސަރަހައްދަށް ވަންނަ ބޭރުގެ މަތިންދާބޯޓުތަކާ ދެކޮޅަށް ދިފާޢީ އިސްތިސްނާ ފިޔަވަޅުތައް އަޅާނެކަމުގަ އެވެ. ނަމަވެސް މިއީ ކޮން ފިޔަވަޅުތަކެއްކަން ޗައިނާ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ދިޔާވްޔޫ ޖަޒީރާތަކަށް ޖަޕާނުން ދީފައިވާ ނަމަކީ ސިންކަކޫ، އެވެ. ޗައިނާގެ މިފިޔަވަޅާ ގުޅިގެން ޖަޕާނުން ވަނީ ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޗައިނާގެ މިފިޔަވަޅަކީ ޖެއްސުން ކުރުމުގެ ޢަމަލެއް ކަމަށާއި އެކަހެރިގޮތެއްގައި ޗައިނާއިން މިފިޔަވަޅު އެޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގަ އެވެ. އަދި އެކަހެރިގޮތެއްގައި ޗައިނާ އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދެގައުމުގެ މަސްރަޙު ހޫނުވެގެން ދިޔުމުގެ ފުރްސަތު ބޮޑުކަމުގެ އިންޒާރު ވެސް ޖަޕާނުންވަނީ ދީފަ އެވެ.

ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ދިޔާވްޔޫ ޖަޒީރާތަކުގެ ވަށައިގެންވާ ސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ބިމުގައި ތެލުގެ ބޮޑު ރިޒާވެއް ހުރިކަމަށް ވަނީ ބެލެވިފަ އެވެ. (ބީބީސީ)