24 Nov 2013, 10:00
ދާދިފަހުން ފުރުގާން މިސްކިތައް ދިޔަ ވަގުތު އެ މިސްކިތުގެ ގޯތިތެރެއިން އަންހެނަކު އަހަރެން ހިފެހެއްޓި އެވެ. ވަރަށް އަނަރޫފަކޮށް ހުރި އެ އަންހެން މީހާގެ ކޮނޑުގައި ބޯ އަޅައިގެން އެ ވަގުތު ކުޑަ ކުއްޖަކު އޮތެވެ. އެ ވަގުތު އޭނާ ރޮމުން ބުނީ "މިއީ ޔަތީމް ކުއްޖެ، މިއުޅެނީ ޑޮކްޓަރަށް ނުދެއްކިގެން، އަޅުގަނޑަށް ފައިސާއެއް" ދިނުމަށެވެ. އެވަގުތު އާސަންދާގެ ވާހަކަ ފެންމަތިކޮށް އަހަރެން އޭނާއާ އެތައް ސުވާލެއް ކުރިމަތި ކުރީމެވެ. އެ ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދިން އިރު ބައެއް ސުވާލުތަކަށް ޖަވާބުދިނުމުގައި ކޮށި ކަމެއް ހުއްޓެވެ.
އެ ވާހަކަ ދައްކަނިކޮށް އެ އަންހެން މީހާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ތުއްތު ކުއްޖާ ބޯ ހިއްލާލައި އަހަރެންނާއި ދިމާލަށް ބަލާލި އެވެ. މައުސޫމް އެތުއްތު ތުއްތު ފިރިހެން ކުއްޖާގެ މޫނު މަތިން ޒަހަމްތަކެއް އަހަންނަށް ފެނުނެވެ. އެ މޫނުގެ ބޮޑުބައެއް ވަނީ ހަންފޮޅިފަ އެވެ. އެތުއްތު ކުއްޖާ ފެނުމުން އެހީވުމަށް ނިންމައި އަހަރެން ވޮލެޓް ނެގުމާ އެކު އަހަރެން ހުއްޓުވީ މިސްކިތުން ފޭބި މެދު އުމުރުގެ ފިރިހެނެކެވެ. އެ އަންހެން މީހާގެ ހާޒިރުގައި އެފިރިހެން މީހާ ބުނީ "އެ އަންހެންމީހާ ފައިސާ އެ ހޯދަނީ މަސްތުވާތަކެތި ބޭނުން ކުރަން، މަށަށް ރަނގަޅަށް ތި އާއިލާ އެނގޭ" ކަމަށެވެ. އެވަގުތު އަންހެން މީހާ ރުޅިގަދަވެ މިސްކިތު ގޯތި ތެރޭ ހުރެ ހުތުރު ބަހުން އެ ފިރިހެން މީހާއަށް ރައްދުދިނެވެ. މާ އަޑުގަދަވާހެން ހީވުމުން އަހަރެން އެތަނުން ދިޔައީ މެވެ.
މިސްކިތުގެ ތެރެއިން ދިމާވި އެ ހާދިސާ އަހަރެން ކޮފީތަކުގައި އެތައް ބަޔަކާ ހިއްސާކުރީމެވެ. އާދަޔާއި ހިލާފުކަމަކީ އެ ވާހަކަ ކިޔައިދޭ ކޮންމެ ރައްޓެއްސަކު ވެސް އެމީހަކަށް ދިމާވެފައިވާ އެފަދަ ވާހަކައެއް ކިޔާދޭތީ އެވެ. އެތައް ބަޔަކާ އެ ވާހަކަ ހިއްސާކުރި އިރު އެކަހަލަ ކަމެއް ދިމާ ނުވާ މީހަކު މަދޭ ބުނެވިދާނެ އެވެ. މިއީ ވަރަށް އާއްމުކަމެކެވެ.
އެފަދަ މީހުން އާންމުކޮށް އުޅޭ ހިސާބު ބަލައި އެމީހުންނަށް އަހަރެން ފާރަލާން ފެށީމެ އެވެ. ހަގީގަތުގައި ވެސް އެގޮތަށް ފައިސާ ހޯދަން އުޅޭ މީހުން ގިނަކަން އަހަރެންނަށް ފާހަގަވި އެވެ. މުޅިވެސް ދައްކަނީ އެމީހުންނަށް ޖެހިފައިވާ ބޮޑު ބައްޔެއް ނުވަތަ ދިރިއުޅުމަށް ދިމާވެފައިވާ ބޮޑުކަމެއްގެ ވާހަކަ އެވެ. ކަރުނަޔާއި އަސަރާއެކު އެވާހަކަތައް ކިޔާ ދިނުމަށް ފަހު ދެން މަސައްކަތް ކުރަނީ އަނެކާ އަތުން ފައިސާ ހޯދުމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ ޝަކުވާ ލިބޭ އަދި އަޅުގަނޑުމެން ބަލަމުން ވެސް އެބަދަން ސަލާންޖެހުމުގެ ބައެއް މައްސަލަތައް، ސަލާންޖަހަން ނުކުންނަ އިރު އެބަތިބޭ ބައިވަރު ކުޑަކުދިން ގޮވައިގެން، އަޅުގަނޑުމެންނަށް އެބަލިބޭ އެފަދަ ގިނަ ޝަކުވާ،" ޖެންޑާ މިނިސްޓްރަރުގެ ނައިބު ސިދާތާ ޝަރީފް ވިދާޅުވި އެވެ.
ބެލިބެލުމުން އެގޮތަށް ފައިސާ ހޯދަން އުޅޭ މީހުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ބާޒާރުމަތީގައާއި މިސްކިތްތަކުގެ ކައިރީގައި އަދި އޭޓީއެމްތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކުގެ ތެރޭގަ އެވެ. މަދުން ނަމަވެސް ބޭންކް ދޮށުގައާއި ފެރީ ޓާމިނަލްތައް ހުންނަ ސަރަހައްދުތަކުގައި ވެސް ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފަ އެވެ. ގޭގެއަށް ވަދެ އެޑްރާމާތައް ތަކުރާރުކޮށް ފައިސާ ހޯދުމަށް އެމީހުން މަސައްކަތްކުރެ އެވެ. ގިނަ ފަހަރަށް ގޭގޭގައި ތިބޭ އަންހެންވެރިން ހައްދާލައި ފައިސާ އަތުލަން އެމީހުން ވަރަށް ކުޅަދާނަކަމަށްވެ އެވެ.
"އައިޖީއެމް ހޮސްޕިޓަލް ކައިރި ހުންނަ އޭޓީއެމް އަށް ދިޔަތަނާ ބަނޑުބޮޑު އަންހެނަކު ފެން ކަޅިވެ ހުރެ ބުނެފި ވަރަށް ހާލުގަޔޭ މިއުޅެނީ ލާރިއެއް ދޭށޭ، މަވެސް ބަނޑުބޮޑު މީހެއްވީމާ ދީފިން 50ރ. ދެން ދުވަސް ކޮޅެއްނުވެ ރައްޓިއްސަކު މަކައިރި ބުނެފި އޭނަ އެތާ ހުންނަ ވާހަކަޔާއި އޭނަ ވެސް އެހީވި ވާހަކަ. ދެން އެހެން ދާއިރު ވަރަށް ބަލަން އޭނަ ހުރޭތޯ، މިހާރު ގާތްގަނޑަކަށް ފަސް މަސް ވަރު ވެދާނެ ހަމަ އެބަނޑާ އެކު އެކަމުގަ އުޅޭތާ، އެބަނޑު ކުޑައެއް ނުވޭ، ބޮޑެއްނުވޭ، ދެން އަހަންނަކަށް ނޭނގެ،" ކޮފީއަކުން ދިމާވި ރައްޓެއްސަކު ކިޔައިދިނެވެ.
އޮޅުވާލައިގެން ސަލާންޖަހާ މީހުން ބޭނުންކުރާ ތަފާތު އުކުޅުތައް ހުރެ އެވެ. އޭގެ ތެރޭގައި މީހުން ބޮޑަށް އަޅައިގަންނަ ގޮތްތައް އެމީހުން ދައްކަ އެވެ. އޭގެ ތެރޭގައި ބަނޑުބޮޑު ހާލުގައި އުޅޭ އަންހެނެއް ކަން ދެއްކުމާއި ތުއްތު ކުދިން ދައްކައި އެކުދިންނަށް އެހީވުމަށް އެދެ އެވެ. މަންމަ ނުވަތަ އާއިލާ ކޮންމެ ވެސް މީހެއް ވަރަށް ބަލިކަމަށް ބުނެ ޑޮކްޓަރުންގެ ލިޔުންދެއްކުމާއި ކޮންމެވެސް ތަނަކުން ޒަހަމެއް ދެއްކުން ފަދަ ކަންކަމީ ވެސް މީހުންގެ ހިތްދަތި ކުރުވާ ފައިސާ އަތުލުމަށް ކުރާކަން ކަމެވެ. ނޫނީ ބަނޑުހައިވެގެން އުޅުމާއި ޓިކެޓެއް ގަންނާނެވަރު ނެތިގެން ކަމަށް ބުނެ ފައިސާ އަށް އާދޭސް ކުރުންވެސް ހިމެނެ އެވެ.
އެފަދަ ގޮތްގޮތަށް ފައިސާ އަތުލުމަށް މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ގޮތްގޮތަށް ތިބޭ ޒުވާން އަންހެންކުދިންނާއި ފިރިހެން ކުދިން ހަރަކާތްތެރިވާއިރު ހަށިގަނޑުގައި ބާރުހުރި ޒުވާންފުރައިގެ ދެ ޖިންސުގެ މީހުން ވެސް ހަރަކާތްތެރިވާ މަންޒަރު ވަނީ އެތައް ފަހަރެއްގެ މަތިންފެނިފަ އެވެ. ހައިރާންވާ ކަމަކީ އަތުންފައިން މަސައްކަތްކުރެވޭ ވަރުގެ ނުވަތަ ހަށިގަނޑުގައި ވަރުހުރި މީހުން ހަމައެކަނި ސަލާން ޖެހުމަށް މުޅި މާލޭގައި ހިނގާތީ އެވެ. ދުވާލުދާ ހަތަރުދަމާއި ރޭގަނޑުގެ ވެސް ގިނަ ވަގުތު އެ މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ މީހުން ގިނައިން އުޅޭ ހިސާބުތަކަށް ގޮސް ސަލާންޖެހުމެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނައިން ޝަކުވާ ލިބޭ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލަމުންދާކަމުގެ، ފުލުހުން ދަނީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް ކަމާއެކު ބަލަމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަލާން ޖަހައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރާ ބައެއް މީހުން އަހަރެން ގާތު ވެސް ފައިސާ ދިނުމަށް އެދެ އެވެ. ހަމަ ފެން ކަޅިވެހުރެ އެވެ. އެފަދަ ގޮތްގޮތަށް ފައިސާ އަތުލާ މީހުންގެ ކިބައިން ސަލާމަތްވުމަށް އެންމެ ފަސޭހަ ގޮތަކީ އެމީހުން ދައްކާ ބަހަނާ އާ ގުޅޭގޮތުން ގިނައިން ސުވާލުކުރުމެވެ. މިސާލަކަށް ބޭސް ކުރަން ފައިސާ ދިނުމަށް އެދުމުން އާސަންދާގެ ވާހަކަ މެދުވެރިކޮށް ސުވާލު އުފެއްދުމާއި ނުވަތަ އެހެން ކަމަކަށް ފައިސާއަށް އެދުމުން ވަޒީފާއެއް އަދާކުރެވޭ ހާލުގައި އެކަން ނުކުރަނީ ކީއްވެތޯ؟ނުވަތަ އާއިލާ ކޮބާތޯ؟ ފަދަ ސުވާލުތައް މެދުވެރިކުރުމުން އެމީހުންގެ ފަރާތުން ލިބޭ ޖަވާބުތަކުން އެއީ ކޮން މަގުސަދެއްގައި އުޅޭ މީހެއްކަން ރަނގަޅަށް އެނގޭނެ އެވެ.
ބައެއް މީހުންނަށް ބޭސް ފަރުވާ ކުރުމާއި ނުވަތަ ދިރިއުޅުމުގެ ބައެއް ކަންކަން ދިމާވެ ފައިސާއަށް އިންތިހާއަށް ބޭނުން ޖެހުމަކީ ގިނައިން ދިމާވާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ސަރުކާރުގެ އެހީގަޔާއި ބައެއް ބޮޑެތި ވިޔަފާރިތަކުގެ އެހީގައި ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެނގޭ އެއްޗަކީ މަގުމައްޗަށް ނުކުމެ ފައިސާ ހޯދަން ދިވެހިންނަށް މަޖުބޫރު ހާލަތަށް ގޮސްފައިނުވާ ކަމެވެ. އެއީ ތަހުޒީބީ މުޖުތަމައުއަކުން ފެންނަންވާނެ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިއީ މިއަދު ފެންނަ ހަގީގަތަކީ "ހިތް ދަތި ކުރުވާފަ، ފައިސާ އަތުލުން އާންމު" ވެފައިވާ މަންޒަރެވެ.