އަންކަރާ (ނޮވެމްބަރު 24): މިސްރުގެ ވެރިކަމުގައި މިހާރު ތިއްބެވީ ޢަސްކަރީ އިންގިލާބަކުން ވެރިކަމަށް އަރާވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެބޭފުޅުންނަށް އެއްވެސް ވަރަކަށް އިޙްތިރާމް ނުކުރައްވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އަންކަރާގައި އިއްޔެ ދެއްވި ބަޔާނެއްގައި މިސްރުގެ ވެރިންނަށް މިހާބޮޑަށް ފާޑުވިދާޅުވެ އުރުދުޣާން ބަހުގެ ޙަމަލާތައް ދެއްވާފައި މިވަނީ ޤާހިރާގައި ހުންނަވާ ތުރުކީގެ ސަފީރަކީ މިސްރުން މަރްޙަބާ ކިޔާ ބޭފުޅެއްނޫން ކަމަށް ބުނެ އޭނާ އަނބުރައި ގައުމަށް ފޮނުވާލުމަށް މިސްރުގެ ޚާރިޖީ ވުޒާރާ އިން ނިންމުމާގުޅިގެން އެކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އުރުދުޣާން ވިދާޅުވީ މިސްރުގެ ވެރިކަމުގައި މިހާރު ތިއްބެވީ ރައްޔިތުން އިންތިޚާބުކޮށްފައިތިބި ބައެއްނޫން ކަމަށާއި އެމީހުން ތުރުކީއާ ދެކޮޅަށް އަޅާ ފިޔަވަޅަކުން ތުރުކީއާއި މިސްރުގެ ތާރީޚީ ގުޅުންތަކަށް އަސަރެއް ނުކުރާނެ ކަމުގަ އެވެ. މިސްރުގެ ވަގުތީ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހުވަނީ އެގައުމުގައި ހުންނަވާ ތުރުކީގެ ސަފީރު ބޭރުކޮށްލުމަށް ނިންމުމުގެ އިތުރުން ތުރުކީއާ އެކު މިސްރުން ބާއްވާ ގުޅުންތައް ވެސް ސަފީރުންގެ ފެންވަރުން ޗާޖް ޑިއެފެއާޒްގެ ލެވެލް އަށް ދަށްކޮށްލުމަށް ނިންމާފަ އެވެ.

މިސްރުން ތުރުކީއާ ދެކޮޅަށް މިފިޔަވަޅު އަޅާފައި މިވަނީ މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމުގެ ތުހުމަތާއި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި މިސްރާ ދެކޮޅަށް ޙަރަކާތްތެރިވާ ކަމުގެ ތުހުމަތު ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ މައްޗަށް ކުރުމަށްފަހުގަ އެވެ. މިސްރުގެ މިފިޔަވަޅާ ގުޅިގެން ތުރުކީގެ ޚާރިޖިއްޔާ އިން ވަނީ އަންކަރާގައި ހުންނަވާ މިސްރުގެ ސަފީރު ވެސް އަނބުރައި މިސްރަށް ފޮނުވާލުމަށް ނިންމައި އެކަން މިސްރު ސަރުކާރަށް އަންގާފަ އެވެ.
މިސްރާއި ތުރުކީގެ ގުޅުންތައް މިހާބޮޑަށް ގޯސްވެގެން މިދިޔައީ މިސްރުގެ ސިފައިންނާއި އެގައުމުގެ ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން މިދިޔަ ޖުލައިމަހުގެ 3 ވަނަ ދުވަހު ގެނައި ޢަސްކަރީ އިންގިލާބާ ދެކޮޅަށް ތުރުކީން ތަކުރާރުކޮށް އަޑުއުފުލައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ މިނިވަންކޮށް ޑިމޮކްރެޓިކް ވެރިކަން އަލުން މިސްރަށް ގެނައުމަށް ގޮވާލައި ތުރުކީގެ މަސްއޫލުވެރިން ބަޔާންތައް ދެއްވަމުން ދިޔުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެއިތުރުން ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނަށް މިދިޔަ ޖުލައިމަހު އެއްވި ޑރ. މުރުސީ އަށް ތާއީދުކުރާ އެތައް ހާސްބަޔަކާ ދެކޮޅަށް މިސްރުގެ ސިފައިން ބާރުގެ ބޭނުންކޮށް 800 އަށް ވުރެ ގިނަ މީހުން މަރާލި މައްސަލާގައި ވެސް ތުރުކީގެ ބޮޑުވަޒީރާއި ޚާރިޖީ ވަޒީރުގެފާޑުކިޔުންތައް މިސްރުގެ ވަގުތީ ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފަ އެވެ.

މިއާއެކު މިސްރުގެ ވަގުތީ ސަރުކާރުގެ އިސްވެރިންނާއި އެސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ މިސްރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ އެގައުމުގެ ކުރީގެ ރައީސް ޑރ. މުރުސީ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކޮށް އެޖަމާއަތުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ތުރުކީވިލާތުގެ މައްޗަށް ކޮށްފަ އެވެ.(ނޫސްއެޖެންސީތައް)