24 Nov 2013, 09:37
ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހދ. ނޮޅިވަރަމްގެ ކުރީގެ ކަތީބު އަލީ ރަޝީދު ހުސައިން ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމްގައި ބުނެފައި ވަނީ އައިޑީކާޑު ހެދުމަށް އާންމުންގެ އަތުން 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ނަގާފައިވާ 3،600ރ. އަތޮޅު އޮފީހާ ހަވާލުކުރުމަށް އަލީ ރަޝީދުގެ އަތަށް ދިނުމުން ލިޔެކިޔުންތައް ދިމާނުވާ ކަމަށް ވިދާޅުވެ އެ ފައިސާ އޭނާ އަތޮޅު އޮފީހާ ހަވާލުކޮށްފައި ނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ނޮޅިވަރަމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ލިޔެކިޔުންތައް ދިމާނުވާ ކަމަށް ބުނެ އަތޮޅު އޮފީހާ ފައިސާ ހަވާލުކުރުމަށް އިންކާރު ކުރެއްވުމަށް ފަހު އަނބުރާ ރަށު އޮފީހާ ހަވާލުނުކޮށް އެ ފައިސާ އޭނާގެ އަތުގައި ބަހައްޓާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ސަތުކާރުގެ ފައިސާ އަށް ކަތީބު ޚިޔާނާތްތެރިވެފައިވާކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ބާތިލްކޮށް މިދިޔަ ބުދަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ނޮޅިވަރަމް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ހިންގި އިރު މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް އަލީ ރަޝީދު އެދުމުން ކޯޓުން އެކަށް ކޮށްދީފައިނުވާ ކަމަށް އޭނާ ބުނެފައިވާ އިރު ދައުލަތުން އެކަމަށް އިންކާރުކޮށްފައިނުވާ ކަމަށެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ދައުލަތުން ހުށަހަޅާ ހެކީންނާ ސުވާލު ކުރުމަކީ މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭން ޖެހޭ ހައްގެއް ކަމަށްވާ އިރު ނޮޅިވަރަމް ކޯޓުން އެ ފުރުސަތު އޭނާ އަށް ދީފައިނުވާކަން އެ މައްސަލައިގައި ހިމެނޭ ބަޔާންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނޮޅިވަރަމް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.