ދިވެހި ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަނީ އައު ޤާނޫނު އަސާސީއަކަށް ކަން ވެސް ނޭނގޭ އެތައް ބަޔަކު ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.  


ޔޫއެންޑީޕީންގެ އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް މެނޭޖާ ނާޒު އައިމިނަތު މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ މެދު އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން މިދިޔަ ނޮވެންބަރު މަހު 26 ގައި ފެށި "ޑިޑް ޔޫ ނޯ؟" [ކަލެއަށް އެނގޭތަ؟] ކެމްޕޭނުގައި ހުޅުމާލޭގެ 500 ގެއަށް ޒިޔާރަތްކޮށް އެ ގޭގެ މީހުންނަށް ގާނޫނީ އޮނިގަނޑު އޮޅުންފިލާފައިވާ މިންވަރު ބެލިއިރު، ހައިރާންވި އެއްކަމަކީ ގިނަ ބަޔަކަށް ދިވެހި ރާއްޖޭގައި އައު ގާނޫނު އަސާސީއަކަށް އަމަލުކުރަމުން އަންނަކަން ވެސް އޮޅުން ފިލައިނުވާތީ ކަމަށެވެ.


"އެންމެ ހައިރާންވާ ކަމަކީ ރާއްޖޭގައި އައު ގާނޫނު އަސާސީއަކަށް އަމަލުކުރަމުން އަންނަކަން ނޭނގޭ އެތައްބަޔަކު އުޅޭކަން. މީއީ ވަރަށް ހައިރާންވި ކަމެއް. ގިނަ ބަޔަކަށް ހަމަ މިކަން ނޭނގޭ. އަހާލީމާ ބުނަނީ ނޭނގެއޭ އެހާ ބޮޑަކަށެއް. ޓީވީ ބަލަން ހޭ އަހާލީމާ ބުނަނީ ބަލަނީ ކޭބަލް ޓީވީން އަންނަ ޗެނަލްތައް ކަމަށް،" ނާޒް ވިދާޅުވި އެވެ.


ނަމަވެސް 2008 ވަނަ އަހަރުގެ އޯގަސްޓް 7 އިން ފެށިގެން ރާއްޖޭގައި އަމަލުކުރަނީ އައު ގާނޫނު އަސާސީ އަކަށް ކަން ނޭނގެނީ ކިތައް މީހުންނަށް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.


ނާޒު ވިދާޅުވީ ޑިޑް ޔޫ ނޯ ކެމްޕޭންގެ ހުޅުމާލެ އަށް ކަނޑައެޅި ބައި އިއްޔެ ނިންމާލުމަށް ފަހު މިއަދު ހެނދުނު އެ ކެމްޕޭން މާލޭގައި ފަށާނެ ކަމަށެވެ.  


މި ކެމްޕޭނަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޔޫއެންޑީޕީން ކުރިއަށް ގެންދާ ކެމްޕޭނެ ކެވެ. ކެމްޕޭނު ކުރިއަށް ގެންދަނީ އެ މަސައްކަތަށް ތަމްރީނުކޮށްފައިވާ 16 ވޮލެންޓިއަރުންނާއި ޔޫއެންޑީޕީގެ ބައެއް އޮފިޝަލުންނާ އެކު އެވެ.