މިޖީލުގެ ބަޔަކަށް ރޭގަނޑުގެ އުޑުމަތިން ފެންނާނެ އެންމެ އަލިގަދަ، ފާހަގަކޮށްލެވޭ "ދައްކާލުން" ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެނިގެންދާނެ ކަމަށް އެސްޓްރޮނޮމަރުން ބުނެ އެވެ.

އެސްޓްރޮނޮމަރުން "ފާހަގަކޮށްލެވޭ، އަލިގަދަ ދައްކާލުމެއް"ގެ ގޮތުގައި ސިފަކުރަމުން މިދަނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އުޑުގެ އިރުމަތިން ފެންނާނެ ކަމަށް ލަފާކުރެވިފައިވާ ދުންތަރި އެކެވެ. "ކޮމެޓް އައިސޮން"ގެ ނަމުން ނަންދީފައިވާ މި ދުންތަރިއަކީ މިގަރުނުގައި ފެނިގެންދާނެ އެންމެ ފާހަގަކޮށްލެވޭ ދުންތަރި އެވެ. އޭގެ އިތުރުން މިއީ، މިހާރުގެ ޖީލުގެ ބަޔަކަށް އުޑުމަތިން މިފަދަ އަޖައިބެއް ފެންނާނެ ހަމައެކަނި ފަހަރު ކަމަށް ސައެންސްވެރިންގެ ހިސާބުތަކުން ދައްކަ އެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި އައިސޮން ދުންތަރީގެ ނިގޫ އުޑުމަތިން ކޮންމެ ރެއަކު ހެން އުތުރު ހެމިސްފިއާގެ ސަރަހައްދުތަކަށް ފެންނާނެ ކަމަށް ބެލެވެ އެވެ. އައިސޮން ދުންތަރީގެ ނިގުލުގެ ދިގުމިނުގައި އެތައް މިލިއަން ކިލޯމީޓަރެއް ހުންނާނެ ކަމަށް ނާސާއިން ބުނެ އެވެ.

ނާސާ އިން ބުނާ ގޮތުގައި އައިސޮން ދުންތަރި އުފެދިފައި ވަނީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ އެންމެ ދުރުގައިވާ އެއް ކޮމެޓް ބެލްޓް ކަމަށްވާ "އޫޓް ކުލައުޑް" އިން ކަމަށެވެ. އަދި ވޭތުވެ ދިޔަ 4.6 ބިލިއަން އަހަރު އައިސޮން ދުންތަރި ދަތުރުކޮށްފައި ވަނީ މިބެލްޓުގެ ތެރެއިން ކަމަށް ބެލެވެ އެވެ.

އައިސޮން ދުންތަރި ހާއްސަވާ އެންމެ ފާހަގަކޮށްލެވޭ ސަބަބަކީ މިދުންތަރިއަކީ "ސަންގުރޭޒާ" އަކަށް ވުމެވެ. "ސަންގުރޭޒާ" އަކީ އިރުގެ "ކޮރޯނާ" (އިރުގެ ވަށައިގެންވާ ޕްލާސްމާ ފަށަލަތައް)ގެ ތެރެއިން ދަތުރުކުރާ ދުންތަރިތައް ދެނެގަތުމަށް ބޭނުންކުރާ ނަމެކެވެ.

ކޮންމެ އަހަރަކު ވެސް ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ ތެރެއިން ގިނަ އަދަދެއްގެ ދުންތަރިތަކެއް ދަތުރުކުރެ އެވެ. ނަމަވެސް އިރުގެ ކޮރޯނާ ތެރެއިން ދަތުރުކުރަނީ ވަރަށް މަދު ދުންތަރި އެކެވެ. އައިސޮން ދުންތަރިއަކީ އިރުގެ ކޮރޯނާ ތެރެއިން ދަތުރުކުރާނެ ދުންތަރިއެއް ކަމަށް އެސްޓްރޮނޮމަރުން ބުނެ އެވެ.

އިރުގެ ކޮރޯނާއޭ ކިޔާ ސަރަހައްދަކީ އިރުގެ ހޫނު ގަދަ ޕުލާސްމާތައް ގިނަ ސަރަހައްދަށް ކިޔާ ނަމެކެވެ.

މިސަރަހައްދު އިރުގެ ވަށައިގެން ޖައްވުގެ ތެރެއަށް އެތައް މިލިއަން ކިލޯމީޓަރަކަށް ދެމިގެންދެ އެވެ.

އިރުގެ ކޮރޯނާ ތެރެއިން ދަތުރުކުރާއިރު، ކޮރޯނާގެ ހޫނާއި އިރުގެ ގުރެވިޓީގެ ސަބަބުން އައިސޮންއަށް ކުރާނީ ކޮންކަހަލަ އަސަރެއް ކަމަށް ލަފާކުރާކަށް ނޭނގެ އެވެ.

މިހެން ކަމުން، މިމަހުގެ 28 ވަނަ ދުވަހު އިރުގެ ކޮރޯނާގެ ތެރެއިން އައިސޮން ދުންތަރި ދަތުރުކުރާއިރު، ދުނިޔޭގެ ފާހަގަކޮށްލެވޭ ހުރިހާ އެސްޓްރޮނޮމަރުން މިމަންޒަރުތައް ޝައުގުވެރިކަމާ އެކު، ބަލަމުންދާނެ އެވެ.

އެމެރިކާގެ އެރިޒޯނާގައި ހުންނަ ލޮވެލް އޮބްޒަވެޓޮރީގައި ވޭތުވެ ދިޔަ އަހަރެއްހާ ދުވަސް ވަންދެން މެދުނުކެނޑި އައިސޮން ދުންތަރި ބަލާ، ތަހުލީލުތައް ކުރަމުންގޮސްފައިވާ ޑރ. މެތިއު ނައިޓް ވިދާޅުވާ ގޮތުގައި އިރުގެ ކޮރޯނާގެ ތެރެއިން އައިސޮން ދުންތަރި ދަތުރުކުރާ އިރު ތިން ހާލަތެއް މެދުވެރިވުމަކީ ގާތް ކަމެކެވެ.

ފުރަތަމަ ހާލަތަކީ 2011 ވަނަ އަހަރުގައި އިރުގެ ކައިރިން ދަތުރުކުރި ލަވްޖޯއި ދުންތަރިއަށްވީ ގޮތް އައިސޮން ދުންތަރިއަށްވެސް ވުމެވެ. އިރުގެ ގުރެވިޓީގެ ބާރުގަދަ ކަމުން، ލަވޮޖޯއި ދުންތަރީގެ ނިއުކްލިއަސްގެ އެއްބައި އަނެއްބަޔަށް ވުރެ ބާރަށް އިރާ ދިމާލަށް ދެމުމުގެ ސަބަބުން، ކޮރޯނާގެ ތެރެއިން ލަވްޖޯއި ދުންތަރި ނިކުތުމާ އެކު ދުންތަރި ގޮވީ އެވެ.

އައިސޮން ދުންތަރިއަށް މިހެން ދިމާ ވާނީ ދުންތަރީގެ ސައިޒްގެ ސަބަބުން ކަމަށް ޑރ. ނައިޓް ވިދާޅުވެ އެވެ. އައިސޮން ދުންތަރީގެ ނިއުކްލިއަސްގެ ދިގުމިން ދެ ކިލޯމީޓަރު ނުވަތަ އެއަށް ވުރެ ދިގު ނަމަ، ލަވްޖޯއި ދުންތަރިއަށް 2011 ގައި ވީ ގޮތް ވުމުގެ ފުރުސަތު ބޮޑެވެ. އެސްޓްރޮނޮމަރުން ލަފާކުރާ ގޮތުގައި އައިސޮން ދުންތަރީގެ ނިއުކްލިއަސްގެ ދިގުމިނަކީ ސީދާ ދެ ކިލޯމީޓަރު ނުވަތަ އެއާ ގާތްކުރާ އަދަދެކެވެ.

ދެވަނަ ހާލަތަކީ އެންކޭ ދުންތަރިއަށް މެދުވެރިވި ހާލަތް އައިސޮންއަށް ވެސް މެދުވެރިވުމެވެ. 1786 ވަނަ އަހަރު އެންކޭ ދުންތަރި ހޯދުނު ފަހުން އެދުންތަރި ވަނީ އިރުގެ ވަށާ 70 ބުރު ޖަހާފަ އެވެ. އިރުގެ ކޮރޯނާގެ ތެރެއިން މިހާ ގިނަ ފަހަރު ދަތުރުކުރުމުގެ ސަބަބުން އެންކޭގެ އައިސްތަކާއި ގޭސްތައް ދަނީ ހުސްވަމުން ނެވެ.

އައިސޮން ދުންތަރި އިރުގެ ކޮރޯނާގެ ތެރެއިން ދަތުރުކުރާނީ އެންމެ ފަހަރަކު ނަމަވެސް، އެންކޭ ދުންތަރިއަށް ވެފައިވާ ގޮތަށް، ދުންތަރީގެ އައިސް އަދި ގޭސް އަނދައި ހުސްވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ނައިޓް ލަފާކުރައްވަ އެވެ.

ތިން ވަނަ ހާލަތަކީ ގިނަ މީހުން އުއްމީދުކުރާ ފަދަ "ފާހަގަކޮށްލެވޭ ދައްކާލުމެއް" އުޑުމަތިން ފެންނާނެ ހާލަތެވެ. މިއީ 1965 ގައި އިކިޔާ-ސެކީ ދުންތަރިއަށް ވީ ގޮތެވެ.

އިރުގެ ކޮރޯނާގެ ތެރެއިން ދުންތަރި ދަތުރުކުރި އިރު، އުފެދުނު ހޫނުގެ ސަބަބުން ދުންތަރީގެ ނިއުކްލިއަސްގެ ތެރޭގައިވާ ގޭސްތަކުގައި ހުޅު ހިފި އެވެ. މީގެ ސަބަބުން ދުންތަރީގެ ފަހަތުގައި ދިގު "ނިގުލެއް" އުފެދުނެވެ. ނަވާރަ ސަތޭކަށް ފަސްދޮޅަށް ފަހެއްގައި އިކިޔާ-ސެކީ ދުންތަރި މިނިގުލާ އެކު އުޑުމަތިން ފެނުން ވެގެންދިޔައީ އަޖައިބުކުރަނިވި ދައްކާލުމަކަށެވެ.

އިކިޔާ-ސެކީ ދުންތަރިއަށްވީ ފަދައިން އައިސޮން ދުންތަރީގެ ގޭސްތަކުގައި ހުޅު ހިފާ، ފާހަގަކޮށްލެވޭ މަންޒަރުތަކެއް އުޑުމަތިން ފެނިއްޖެ ނަމަ ދުނިޔެ އާއި ކައުނުގެ އުފެދުމާ ގުޅޭ ބައެއް ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ފުރުސަތު ސައެންސްވެރިންނަށް ލިބިގެންދާނެ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރުގެ ފަހުން ޖައްވީ ޓެލެސްކޯޕްތަކާއި އިމޭޖިންގް ޓެކޮނޮލޮޖީގެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ދުންތަރީގެ ބައެއް ސިއްރުތައް ސައެންސްވެރިންނަށް ހޯދިދާނެ އެވެ. މިގޮތުން "ސްޕެކްޓްރޮމެޓްރީ"ގެ އެހީގައި އައިސޮން ދުންތަރީގައިވާ ގަނޑުފެނުގެ ކެމިކަލް ކޮމްޕޮސިޝަން ހޯދިދާނެ އެވެ.

މީގެ ސަބަބުން މީގެ ފަސް ބިލިއަނެއްހާ އަހަރު ކުރިން ކައުނު އުފެދުނު ގޮތުގެ ހަގީގަތް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ އިތުރުން އައިސޮންގައި ހިމެނޭ ފެނުގެ "ސިގްނޭޗާ" ވެސް ހޯދިދާނެ ކަމަށް ސައެންސްވެރިން ބުނެ އެވެ. މިޑާޓާ ލިބިއްޖެ ނަމަ ދުނިޔޭގައިވާ ފެން ދުނިޔެއަށް އައިސްފައި ވަނީ ދުންތަރިއެއްގައި ނުވަތަ ދުންތަރިތަކެއްގައި ކަމަށް ބުނާ ތިއަރީގެ ހަގީގަތް ހޯދިގެންދާނެ އެވެ.

އެމެރިކާގެ މެންހަޓަންގެ ވަރުވާ އައިސޮން ދުންތަރި މިއަންނަ މަހުގެ ތިން ވަނަ ދުވަހު އުޑުމަތިން ފެނިގެންދާ އިރު، ފާހަގަކޮށްލެވޭ އަޖައިބުކުރަނިވި "ދައްކާލުން" އާ އެކު ދިރުން އުފެދުނު ގޮތުގެ ހަގީގަތް ހޯދުމަށް ސައެންސްވެރިން ކުރަމުންދާ މަސައްކަތައް ބޮޑު ކުރިއެރުމެއްވެސް ލިބިގެންދާނެ އެވެ.