ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމުގައި ގެންގުޅެމުން އަންނަ އުސޫލުތައް ހަރުދަނާކުރުމަށް އާއްމުންގެ ހިޔާލު ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން އެދިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ "ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ބެހޭ އުސޫލު" އަށް ހިޔާލު ހޯދުމަށް އެ މިނިސްޓްރީ އިން އެދިފައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ހިޔާލުތައް ހުށަހެޅުމަށެވެ.

"ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ބެހޭ އުސޫލު" އަކީ މި އަހަރުގެ ފެބްރުއަރީ މަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޝާއިއުކޮށް، ގެޒެޓްކޮށްފައިވާ އުސޫލެކެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އުސޫލު މިއަންނަ އަހަރުގެ ޖެނުއަރީ މަހު އަލުން ގެޒެޓް ކުރާ އިރު، އެކަން ކުރާނީ އާއްމުންގެ ހިޔާލުތައް ބެލުމަށް ފަހު، ގެންނަ އިސްލާހުތަކާ އެކުގައި ކަމަށެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ކޯޓާ ދޫކުރާނީ އުސޫލު އިސްލާހުކޮށް ގެޒެޓްކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.