އިބްރާހިމް ނާސިރު އިންޓަނޭޝަނަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރަން ތައްޔާރުވެފައި އޮތް ވިލާ އެއާގެ ފްލައިމީގެ ބޯޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި އެވެ.

ވިލާ އެއާގެ އިސް އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ މިރޭ 7:00 ޖަހާ އެހާކަންހާއިރު ލ. ކައްދު އަށް ފުރަން ހަމަޖެހިފައިވާ އޮތް ފްލައިމީގެ ބޯޓަށް މީހުން އަރުވަމުން ދިޔަ ވަގުތު އެބޯޓަށް އަރަން ދިޔަ ބަޔަކު އެބޯޓް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރުދިނުމުން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ބޯޓަށް މީހުން އަރުވަމުން ދިޔަ ވަގުތު އެބޯޓުން ދަތުރުކުރުމަށް ގޮސް ތިބި ބަޔަކު ބުނީ ބޯޓް ހައިޖެކް ކުރާނަމޭ ... ދެން އެހެންކިޔައި އިންޒާރު ދިނުމުން ސެކިއުރިޓީ ރީޒަން އަކަށް އެމީހުން ސިފައިންނާ ހަވާލުކުރީ،" ވިލާ އެއާގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފަސް މީހެކެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެބޯޓް މިހާރު ކައްދުއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.

އެމައްސަލައާ ގުޅިގެން ސިފައިންނަށް ގުޅުމުން އެބޭފުޅުން ވިދާޅުވީ އަދި އެ މައްސަލައާ ބެހޭ މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ފުލުހުން ބުނީ ފުލުހުން އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.