23 Nov 2013, 20:09
ޅ. ކުރެންދޫ ސިއްޙީ މަރުކަޒުގެ ވޮޗަރަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު ހަ މަސް ދުވަހަށް އަރުވާލަން ހުކުމް ކޮށްފި އެވެ.
ކްރެންދޫ މެޖިސްޓްރޭޓް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައި ވަނީ އެރަށު ބޮޑުމިރުސްމާގެ، އަހްމަދު އަޝްރަފު،26، ގެ މައްޗަށެވެ.
އަޝްރަފް އަރުވާލަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ދަންވަރު 2:15 ހާއިރު ކުރެންދޫ ސިއްޙީމަރުކަޒު ތެރެއަށް ވަދެ އެ މަރުކަޒުގެ ވޮޗަރަކަށް ހުރި މީހާއަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
ކުރެންދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އަށް އަޝްރަފް އިންކާރު ކުރިނަމަވެސް އޭނާގެ ފައިން ވޮޗަރުގެ ކުރިމަތި ފަރާތުގައި ޖެހިތަން ދުށްކަމަށް ހެކީންގެ ހެކިބަހުން އެކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ މާރާމާރީގެ ސަބަބުން ވޮޗަރަށް އަނިޔާވެފައިވާ މެޑިކޯލީގަލް ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މީގެކުރިން ވެސް އެބާވަތުގެ ކުށްތައް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.