އެމްއެންޑީއެފާއި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ކެޑޭޓް ކޭމްޕުގެ 15 ވަނަ ކޭމްޕަށް 149 ކެޑޭޓުން މިއަދު ފުރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކ. ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްދާނެ އެ ކޭމްޕުގައި މާލެ އާއި އަތޮޅުތަކުގެ 24 ސްކޫލަކުން 120 ފިރިހެން ކެޑޭޓުންނާއި 29 އަންހެން ކެޑޭޓުން ބައިވެރިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޑޭޓުން އެއްތަނަކުން ބައްދަލުވެ ކެޑޭޓުންގެ ތެރޭގައި އެކުވެރިކަން އުފައްދާ އެމްއެންޑީއެފުގައި ޤާއިމުވެފައިވާ ބައެއް އަސްކަރީ އުސޫލުތަކާއި ހަމަތަކުގެ މައުލޫމާތު ދިނުމަށާއި ކުދިންގެ އަހްލާގާއި ސްލޫކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބާއްވަމުން އަންނަ އެ ކޭމްޕަކީ ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޭމްޕެކެވެ.

މިދިޔަ އަހަރު ވެސް ގައުމީ ކެޑޭޓް ކޭމްޕުގައި ވަނީ 150 ކެޑޭޓުން ބައިވެރިވެފަ އެވެ.