23 Nov 2013, 17:32
ލ. ކުނަހަންދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކަކާއި ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ލ. ކުނަހަންދޫ ގެއެއްގެ ކޮޓަރިއަކުން 100،000 އަށް ވުރެ ގިނަ ރުފިޔާ އާއި ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތުމަތުކުރެވޭ މީހުން ހޯދުމަށް ޓަކައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުންނެވެ.
އެ ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ އިރު 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ލ. ކުނަހަންދޫން ކަމަށް ފުލުހުން ބުންޏެވެ.