23 Nov 2013, 16:33
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭ 58 ދިވެހި ނަރުހުން ހޯދަން އިއުލާންކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑްމިން އޮފިސަރު އަލީ ޒާހިރު ވިދާޅުވީ 58 ދިވެހި ނަރުހަކު ހޯދަން އިއުލާން ކުރަނީ މިސަރުކާރުގެ މެނިފެސްޓޯގައި ބުނެފައިވާ ސިއްހީ ހިދުމަތްދޭ މުއައްސަސާތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރަން ކަނޑައަޅާފައި ވާތީ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ 573 ނަރުހުންގެ ތެރެއިން ބިދޭސީ 302 ނަރުހަކު މަސައްކަތް ކުރެ އެވެ. ދިވެހި ނަރުހުންގެ ތެރޭ ހިމެނެނީ 271 ނަރުހެކެވެ.
އަލީ ޒާހިރު ވިދާޅުވީ އިތުރު ނަރުހުން ހޮސްޕިޓަލަށް ވެއްދި ނަމަވެސް މުވައްޒަފުންތަކެއް ކަނޑާލުމުގެ ޕޮލިސީއެއް ނެތް ކަމަށެވެ. އަދި އިތުރު ނަރުހުން ހޯދަނީ ހުސްވެފައި ހުރި މަގާމުތަކަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ މިހާރުގެ ޓާގެޓަކީ ހުރިހާ ވަޒީފާތަކަކަށް ވެސް ބޭރު މީހުންނަށް ވުރެ ބޮޑަށް ދިވެހިންނަށް އިސްކަންދީގެން ދިވެހިން ވަޒީފާ އަށް ވެއްދުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ ވީހާ ވެސް ގިނަ ދިވެހި މުވައްޒަފުން އައިޖީއެމްއެޗްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރުން." އަލީ ޒާހިރު ވިދާޅުވި އެވެ.