އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އައިޖީއެމްއެޗުގެ ކައުންޓަރުތަކުން ކިޔޫގައި މަޑުކުރަން ނުޖެހި މާދަމައިން ފެށިގެން ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ނަމްބަރު ދޫކޮށްގެން އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުން ކިޔޫގައި ނުޖެހި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޚިދުމަތް ލިބޭނީ އޯޕީޑީ އާއި ލެބޯޓަރީ އަދި އެކްސްރޭ ކައުންޓަރުތަކުންނެވެ.

ޒީނަތު ވިދާޅުވީ ފުރަތަމަ އިންފޮމޭޝަން ކައުންޓަރުން މައުލޫމާތު ސާފު ކުރުމަށް ފަހު ދޭ ޓޯކަން ނަމްބަރު ހިފައިގެން ދިއުމުން ކިޔޫގައި ނުޖެހި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ހިދުމަތް ހޯދުމަށްދާ ހުރިހާ ފަރާތްތަކަކަކުން ވެސް އައިޑީ ގެންދަން ޖެހޭނެ ކަމަށެވެ.

"މި ސާވިސް ބޭނުންވާ ކުއްޖެއްތޯ ނުވަތަ ނޫންތޯ ބަލާފައި ސާވިސް ދޭނީ. އުމުރުން ދުވަސްވީ މީހުން ބަލަނީ ސަރުކާރުން ކަނަޑައަޅާފައިވާ އަދަދު 65 އަހަރު،" ޒީނަތު ވިދާޅުވި އެވެ.

ޒީނަތު ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭ އެ ހޮސްޕިޓަލުން އުމުރުން ދުވަސްވީ 15،532 މީހުންނަށް ހިދުމަތް ދީފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު އުމުރުން ދުވަސްވީ 183000 މީހުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވަކި ހާއްސަ ބަލިތަކަކާ ބެހޭ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ނަމަ ކިޔޫގައި ނުޖެހި އެފަދަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމާ ދޭތެރޭ ވެސް އެ ހޮސްޕިޓަލުން ވިސްނާ ކަމަށެވެ.

"ވަކި ހާއްސަ ޑޮކްޓަރަކަށް ނޫން ގޮތަށް ދައްކާ ނަމަ، މިސާލަކަށް އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކާ ނަމަ ކޮންމެވެސް އެއް އޮޕަރޭޝަން ޑޮކްޓަރަކަށް އަވަހަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސޭނެ ގޮތަކަށް އަޅުގަނޑުމެން މި ވިސްނަނީ،" ޒީނަތު ވިދާޅުވި އެވެ.