23 Nov 2013, 15:30
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ހިންގާ މީރާ ކްލަބުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
މީރާ ކްލަބުން ބުނީ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެހީވުމުގެ ނިޔަތުގައި އިއްޔެ ހިންގި އެ ޕްރޮގްރާމަކީ އެ ކްލަބާއި ކުޑަކުދިންގެ ހިޔާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި ޕްރޮގާމުގައި ކްލަބުގެ މުވައްޒަފުން ޑޮނޭޓްކޮށްފައިވާ ތަކެތީގެ އިތުރުން ކުޑަކުދިންގެ ހިޔާއަށް ބޭނުންތެރި ކަމަށް ފާހަގަކޮށްފައިވާ ގިނަ ތަކެތި ހަދިޔާކޮށްފައިވާނެ ކަމަށެވެ.
ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، މީރާ އިން ބުނި ގޮތުގައި، ކުޑަކުދިން ރީތި ވުމަށް ބޭނުންވާ އެއްޗިއްސާއި ޓޮއިލެޓްރީސް އާއި ކުޑަ ކުދީންގެ ނެޕީސް އެވެ.
މީރާ ކްލަބުން ބުނީ އިއްޔެ ބޭއްވި އެ ޕްރޮގްރާމަކީ އެ ކްލަބުން ހިންގާނެ ޑޮނޭޝަން ހަރަކާތްތަކުގެ ފެށުން ކަމަށާއި ކޮންމެ އަހަރަކު ވެސް އެފަދަ އިވެންޓުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާގައި ކުޑަކުދިންގެ ހިޔާގެ ކުދިންގެ ތެރެއިން ކިޔެވުމުގައި އެހީތެރިކަން ބޭނުންވާ ކުދިންނަށް މީރާގެ މުވައްޒަފުން އެހީތެރިވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް މީރާ ކްލަބުން ބުންޏެވެ.
މީރާގެ ކޮމިޝަނަރު ޖެނެރަލް ޔަޒީދު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރާއި ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ އެ ޕްރޮގްރާމުގައި ތަކެތި ހަދިޔާ ކުރުމުގެ އިތުރުން މީރާ ކްލަބުން ވަނީ ކުޑަކުދިންގެ ހިޔާގެ ކުދިންނާއި އެކުގައި ކުޅިވަރު ކުޅެ ކުދިންނަށް ހަދިޔާ ވެސް ބަހާފަ އެވެ.