ރާއްޖޭގައި ޓޭބަލް ޓެނިސް (ޓީޓީ) އަށް މުސްތަގުބަލެއް އޮތީ ޓީޓީގެ ރޫހު ޒުވާނުންގެ މެދުގައި އާލާކޮށް، ދިރުވައިގެން ކަމަށް ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.


ޓީޓީ އެސޯޝިއޭޝަން އަށް 50 އަހަރު ފުރުމުގެ ރަންޔޫބިލް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި އެވޯޑް ނައިޓް ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ޓީޓީ އަކީ ޒަމާނުއްސުރެ ވެސް ދިވެހިންގެ މެދުގައި ކުޅެވޭ ކުޅިވަރެއް ކަމަށާއި އެ ކުޅިވަރު އަތޮޅުތަކުގެ ޒުވާނުންގެ މެދުގައި ކުޅެވޭނެ އިންތިޒާމް މި ހާރަށްވުރެ ފުރިހަމަ އަށް ހަމަޖައްސަން އެބަޖެހޭ ކަމަށެވެ. އަދި ސުކޫލު މަދަރުސާތަކުގެ ކުދިންގެ މެދުގައި ޓީޓީ އަށް ލޯބި ޖެއްސުމަށް ނައިބު ރައީސް ގޮވައިލެއްވި އެވެ.


"އަޅުގަނޑު އުންމީދު ކުރަން އަތޮޅުތަކުގައި މި ކުޅިވަރު ދިރުވުމަށްޓަކައި އިތުރު ފޯރި އަކާއެކު ޓީޓީ އެސޯޝިއޭޝަން އިން މަސައްކަތް ކުރައްވާނެ ކަމަށް. މި ކުޅިވަރު ދިރުވައި އާލާ ކުރުމަށްޓަކައި ސުކޫލް ކުދިންގެ މެދުގައި ޓޯނަމަންޓުތަކެއް ރާވައި އިންތިޒާމް ކުރަން އެބަޖެހޭ." ޑރ. ވަހީދު ވިދާޅުވި އެވެ.


ލައިވް މިޔުޒިކާ އެކު ކުރިއަށް ދިޔަ އެ ހަފުލާގައި ރާއްޖޭގައި ބޭއްވުނު ގޯލްޑަން ޖުބްލީ ޓީޓީ މުބާރާތުން ވަނަ ވަނަ އަށް އައި ފަރާތަތަކަށް ތައްޓާއި ހަނދާނީ ލިޔުން ދީފައިވެ އެވެ. އަދި ޓީޓީއަށް ތަފާތު ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކާއި މީޑިއާގެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ސެޓްފިކެޓް ދީފައިވެ އެވެ.


ރޭގެ އެ ހަފްލާގައި ޔޫތު މިނިސްޓާ ހަސަން ލަތީފުގެ އިތުރުން ދުނިޔޭގެ ޓީޓީ އެސޯޝިއޭޝަންތަކުގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.  


ރޭގެ އެ ރަސްމިއްޔާތުގައި ޓީޓީ އެސޯޝިއޭޝަންގެ ރަސްމީ ވެބްސައިޓް ރައީސް އިފުތިތާހުކޮށްދެއްވި އެވެ.