23 Nov 2013, 14:28
މެންޗެސްޓާ ސިޓީގެ އަނިޔާވެފައިވާ ކެޕްޓަން ވިސެންޓް ކޮންޕެނީ އަށް އެކްލަބުގެ ފަރިތަކުރުންތަކުގައި އެއް ހަފްތާ ފަހުން ބައިވެރިވެވޭނެ ކަމަށް ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނެފި އެވެ.
ސިޓީގެ ބެލްޖިއަމް ޑިފެންޑަރު ކޮންޕެނީ އަށް އަނިޔާވީ އިނގިރޭސި ޕްރެމިއާ ލީގުގައި މިދިޔަ އޮކްޓޯބަރު ފަސްވަނަ ދުވަހު އެވަޓަން އާއި ދެކޮޅަށް ކުޅެ 3-1 ލަނޑުން ސިޓީ މޮޅުވި މެޗުގަ އެވެ. އެމެޗުގައި ކޮންޕެނީގެ ފަޔަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ އަށް ސިޓީ ކުޅުނު ހަތް މެޗެއް ގެއްލިފައި ވެއެވެ.
ޕްރެމިއާ ލީގުގައި މާދަމާ ޓޮޓެންހަމް ހޮޓްސްޕާ އާއި ދެކޮޅަށް ކުޅުމުގެ ކުރިން ކޮމްޕެނީ ފިޓްވާނެ ކަމަށް ސިޓީ އިން ކުރިން ބުނެފައި ވެއެވެ. ޓޮޓެންހަމް އާއި ދެކޮޅަށް އަނިޔާގެ ސަބަބުން ސިޓީގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އަދި ފޯވާޑް ސްޓެވާން ޖޮވެޓިޗް އަށް ވެސް ބައިވެރިއެއް ނުވެވޭނެ އެވެ.
"ކޮންޕެނީގެ އަނިޔާ އަދި މުޅިން ރަނގަޅެއް ނުވޭ. ނަމަވެސް އެއް ހަފްތާ ފަހުން އޭނާ އަށް ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ. ފަހަރެއްގައި އެއަށްވުރެ ކުރިން ވެސް ކޮންޕެނީ ފިޓްވެދާނެ. އޭނާ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް." ޕެލެގްރިނީ ބުންޏެވެ.
ސިޓީގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ޔާޔާ ޓޫރޭ އަދި ސާޖިއޯ އަގުއެރޯ އަށް ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ނަމަވެސް އެދެކުޅުންތެރިން ކްލަބްގައި މަޑުކުރާނެ ކަމަށް ޕެލެގްރިނީ ވަނީ ބުނެފަ އެވެ.
"އެދެކުޅުންތެރިން ވެސް ކްލަބުގައި ހުރީ އުފަލާއެކު. އެމީހުން ކްލަބުގައި މަޑުކުރާނެ." ޕެލެގްރިނީ ބުންޏެވެ.
ސިޓީގެ ދަނޑުގައި މާދަމާ ޓޮޓެންހަމް އާއި ދެކޮޅަށް ނުކުންނަ އިރު، ދެޓީމަށް ވެސް މިމެޗަކީ ވަރަށް މުހިންމު މެޗެކެވެ. ޕްރެމިއާ ލީގުގެ ހަތްވަނައިގައި ވިހި ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު، އަށް ވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ ނަވާރަ ޕޮއިންޓެވެ. މިދެޓީމުން މާދަމާ މޮޅުވާ ޓީމަކަށް ލީގުގެ ގަދަ ހަތަރެއްގައި ވާދަކުރުމުގެ މަގު ތަނަވަސް ވެދާނެ އެވެ.