ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ހިތުން ޖާގަ ހޯދުމަށް ދުވަސްކޮޅެއް ނެގި ނަމަވެސް، މިހާރު ބޭނުންވަނީ ކްލަބުގައި ހުރެ ފުޓްބޯޅަ ކެރިޔަރު ނިންމާލަން ކަމުގައި އެކްލަބުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރެކޯޑް ޓްރާންސްފާ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު މެޑްރިޑާ ގުޅުނުފަހުން ރޮނާލްޑޯގެ ގޯލް ޖެހުމުގެ އަދަދު އިތުރުވެގެންދިޔަ އެވެ. ނަމަވެސް މެޑްރިޑްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ރޮނާލްޑޯ އަށް އެދެވޭ ސަޕޯޓެއް ލިބިފައެއް ނުވެއެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ބާސާ އާއި މެޑްރިޑް ބައްދަލުކުރާ އެލް ކްލެސިކޯ މެޗުތަކުންނެވެ. މިދިޔަ ސީޒަންގައި ކުޅުނު ކްލެސިކޯ ހަ މެޗުން މެދުކެނޑުމެއް ނެތި ލަނޑުތައް ކާމިޔާބުކުރުން ވެގެންދިޔައީ ފާހަގަކޮށްލެވުނު ކަމަކަށެވެ. މީގެ ކުރިން ކްލެސިކޯ މެޗުތަކުން ކުޅުންތެރިއަކަށް މިފަދަ ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

"އަހަރެން މެޑްރިޑްގެ މީހުންދެކެ ލޯބިވޭ. މެޑްރިޑްގެ ދަނޑަށް ކުޅެން ނުކުންނަ ކޮންމެ ފަހަރަކީ އަހަރެންނަށް ހުވަފެނެއް. ހާއްސަކޮށް ސަޕޯޓަރުން އަހަރެންދެކެވާ ލޯބި އެނގުމުން ވަރަށް އުފާވޭ. އަހަރެން ބޭނުންވަނީ މެޑްރިޑްގައި ހުރެ ކެރިޔަރު ނިންމާލަން. މެޑްރިޑްގައި ދިރިއުޅެން އަހަރެން ލޯބިކުރަން. ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ކުޅުމަކީ އަހަރެން ލޯބިކުރާ ކަމެއް." ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑްގައި ރޮނާލްޑޯ ހިލޭ ޖެހުމުގައި އަރާހުރި އިރު، މެޑްރިޑްގައި ރޮނާލްޑޯ ވަނީ ގިނަ ގޯލްތަކެއް ކާމިޔާބުކުރާ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލާފަ އެވެ. މިހާރު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.