23 Nov 2013, 14:17
މެންޗެސްޓާ ޔުނައިޑެޓަށް ކުޅެމުން ގެންދާ އިންގްލެންޑް މިޑްފީލްޑަރު މައިކަލް ކެރިކް އެޓީމާއެކު ހަދާފައިވާ އެއްބަސްވުން 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ޕްރިމިއާ ލީގުގައި މިމަހުގެ 10 ވަނަ ދުވަހު އާސެނަލް އަތުން ޔުނައިޓެޑް 1-0 އިން މޮޅުވި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި 32 އަހަރުގެ މިޑްފީލްޑަރު ވަނީ، އޭނާ މިސީޒަންގައި ކުޅުނު 10 ލީގު މެޗުގައި ކޯޗު ޑޭވިޑް މޮއެސްގެ ހިތް އަތުލާފަ އެވެ.
"އޭނާއަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް. އަދި ހަގީގީ ޕްރޮފެޝަނަލް ކުޅުންތެރިއް،" ކެރިކްއާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗ ބުންޏެވެ.
ކުރީގެ ކޯޗު އެލެކްސް ފާގަސަން، 2006 ވަނަ އަހަރު ޓޮޓެންހަމްއިން ޔުނައިޓެޑަށް ކެރިކް ގެނައިފަހުން އޭ ވަނީ، ފަސް ޕްރިމިއަ ލީގް ޓްރޮފީއާއި ޗެމްޕިއަންސް ލީގު ޓްރޮފީއަކާއި ލީގްކަޕް ޓްރޮފީއެއްގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ޔުނައިޓެޑަށް ހޯދައިދިނުމުގައި އެހީތެރިވެދީފަ އެވެ.
ކެރިކް ބުނީ، ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އެޓީމަށް ކުޅުމަކީ މިހާރުވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ.
"އަހަރެމެންގެ ދުވަސްވަރު މިތަނުގައި ވާނީ ޓްރޮފީތައް ހާސިލް ކޮށްފައި. އަދި ކުރިއަށް އޮތްތަނުގައިވެސް ރަނގަޅު ކާމިޔާބީތަކެއް ހާސިލްކުރެވޭތޯ މަސައްކަތް ކުރާނަން،" ކެރިކް ބުންޏެވެ.
ހަތް އަހަރު ދުވަހުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް 334 މެޗު ކުޅެފައިވާ ކެރިކްއަށް އިންގްލެންޑް ޓީމުން ފުރުސަތު ލިބިފައިވަނީ، 31 މެޗުގަ އެވެ.
ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނީ އިންގްލެންޑް ޓީމުގައި ރަނގަޅު މިޑްފީލްޑަރުންތަކެއް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ނަގާ އިންގްލެންޑް ޓީމުގައި ކެރިކަށް ފުރުސަތު ލިބެންޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.