23 Nov 2013, 13:57
ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އެޓީމާ އެންމެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މިއަދު ނުކުންނައިރު، އެޓީމުގެ ފްރާންސް މިޑްފީލްޑަރު ފްރެންކް ރިބެރީއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ މެޗުގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
އުމުރުން 30 އަހަރުގެ ރިބެރީއަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ، ފީފާ ވޯލްޑްކަޕް ޕްލޭއޮފްގައި ޔޫކްރެއިންއާ ދެކޮޅަށް ކުޅެ ފްރާންސް ކުޅުނު މެޗުގައި ވެއްޓި އަރިކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުންނެވެ.
ލީގު ތާވަލުގެ އެއްވަނައިގައި 32 ޕޮއިންޓާއެކު ބަޔާން އޮތްއިރު ޑޯޓްމަންޑް އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެހެން ކަމުން މިއަދުގެ މެޗު ދެޓީމަށް ވެސް ވަރަށް މުހިއްމު ވާނެ އެވެ.
ދެ ޓީމުގައި ވެސް އަނިޔާގެ މައްސަލަތައް ހުރިއިރު ހިލޭ ޓްރާންފާއެއްގައި ޑޯޓްމަންޑާ ގުޅުނު ބަޔާ ލެވަކޫސަންގެ ކުރީގެ ޑިފެންޑަރު، 34 އަހަރުގެ މެނުއަލް ފްރެޑްރިޗަށް މިއަދުގެ މެޗުގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދޭނޭ ކަމަށް ބެލެވެ އެވެ.
ފްރެޑްރިޗް ޑޯޓްމަންޑާ ގުޅުނީ އެޓީމުގެ ހަތަރު ޑިފެންޑަރުންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ސެންޓަރ ބެލް މެޓް ހަމެލްސް އާއި ލެފްޓް ބެކް މާސެލް ޝުމެޒާއަށް އަނިޔާވީ ހުސްވި ހަފްތާގައި އިންގްލެންޑާ ދެކޮޅަށް ކުޅެ 1-0 އިން ޖަރުމަނު މޮޅުވި އެކުވެރިކަމުގެ މެޗުގަ އެވެ. އަދި އެޓީމުގެ ދެންހުރި ސެންޓަރ ބެކް ނެވަން ސުބޮޓިކަށް ލިބުނު އަނިޔާއެއްގައި މުޅި ސީޒަންގައި ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު، ދެންހުރި ޑިފެންޑަރު ލޫކަޒް ޕިޒެކް އަށް އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އަދިކިރިޔާ ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭވަރުވީ އެވެ.
ޑޯޓްމަންޑްގައި އަނިޔާގެ މައްސަލަ ކިތަންމެ ބޮޑު ކަމުގައިވީ ނަމަވެސް، ބަޔާންގެ މިޑްފީލްޑަރު ތޯމަސް މުލާ ބުނީ، އެއީ މެޗު ފަސޭހަކޮށްލަން ޖެހޭ ސަބަބެއް ނޫންކަމަށާއި ޑޯޓްމަންޑަކީ އެކުގައިކުޅޭ ޓީމެއް ކަމަށެވެ.
"ޑޯޓްމަންޑަކީ ވަކިވަކި ކުޅުންތެރިންތަކެއް ނޫން. އެމީހުންނަކީ ވަރުގަދަ ޓީމެއް، އަދި އެ ގޮތުގައި އެމީހުން މަސައްކަތް ކުރާނެ،" ބަޔާންގެ ވެބްސައިޓަށް މުލާ ބުންޏެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ބަޔާންގެ މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ، ކްލައުޑިއޯ ޕިޒާރޯ، ޒަރްދާން ޝަގީރީ އަދި ހޮލްޖާ ބެޑްސްޓްބާއަށް ވެސް މެޗުގައި ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނެދަލެންޑްސްގެ މިޑްފީލްޑަރު އާރްޔަން ރޮބޭން މެޗަށް ފިޓްވާނެ އެވެ.
ރޮބޭން ބުނީ، ޑޯޓްމަންޑާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެޓީމު ދެކެ ބަޔާންއިން ޖެހިލުން ނުވާނޭ ކަމަށެވެ.