23 Nov 2013, 12:57
ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލުންގެ ބޯޑުގެ ޗީފް މައިކް ރިލޭ، ވެސްޓް ބްރޮމް އަލްބިއަންއަށް ގުޅާފައި މާފަށް އެދުމުން ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު، ޗެލްސީގެ ދަނޑުގައި އެޓީމު ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގު މެޗުގައި 2-1 އިން ވެސްޓްބްރޮމް މެޗު ކާމިޔާބު ކުރަން ދަނިކޮށް އެ މެޗުގެ ރެފްރީ އަންދްރޭ މެރިނާ، ޗެލްސީއަށް ފަހުވަގުތުގައި ޕެނަލްޓީ އެއް ދިނުމުން މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޗެލްސީގެ މިޑްފީލްޑަރު ރަމިރޭސް އަށް އަލްބިއަންގެ ސްޓީވަން ރީޑް ފައުލްކުރުމާ ގުޅިގެން ދިން އެ ޕެނަލްޓީއަކީ ޕެނަލްޓީއެއް ދޭންޖެހޭވަރުގެ ކުށެއް ނޫންކަމަށް ބުނެ، ވެސްޓްބްރޮމް އިން މައްސަލަ ޖެއްސުމުން ރިލޭ ވަނީ، ވެސްޓް ބްރޮމްއަށް ގުޅާފައި މާފަށް އެދިފަ އެވެ.
މޮރީނިއޯ ބުނީ ރެފްރީންގެ ޗީފް މައިކްގެ އެ އަމަލަކީ ކުރިއަށް ހުރި މެޗުތަކުގައި މެޗު އޮފިޝަލްކަންކުރާ ރެފްރީންނަށް ދޭ ވަރަށް ނުރަށްކާތެރި މެސެޖެއް ކަމަށެވެ.
"އެމީހުން ޖެހި ދެވަނަ ލަނޑަކީ ވެސްޓްބްރޮމްއާ ދެކޮޅަށް ދޭންޖެހޭ ހިލޭޖެހުމެއް ނޫންކަމަށް ބުނެ، އަހަންނަށް ގުޅާފައި އެކަކުވެސް މާފަކަށް ނޭދޭ،" މޮރީނިއޯ ބުންޏެވެ.
ވެސްޓް ބްރޮމްއިން ވަނީ، އެޓީމު މި ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުގައި އެޓީމާ ދެކޮޅަށް ހަތަރު ޕެނަލްޓީ ދިން މައްސަލަ ރެފްރީންގެ އިދާރާއަށާއި އަދި ޕްރިމިއާ ލީގަށް ހުށަހަޅާފަ އެވެ.
މޮރީނިއޯ ބުނީ، ރެފްރީންނަށް ހެދޭ ގޯސްތަކަށް މާފަށް އެދި ރެފްރީންގެ ވެރިޔަކަށް ހުންނަ މީހާ އެގޮތަށް ގުޅާ ނަމަ، އާންމު އުސޫލުން ހުރިހާ ޓީމުތަކަށް ވެސް އެގޮތަށް ގުޅަން ޖެހޭނޭ ކަމަށެވެ.
"އަހަރެން ވަރަށް ބޮޑަށް އެނގެން ބޭނުން މިއީތޯ މިކަން އެންމެންނާ ދޭތެރޭގައިވެސް ކުރިއަށް ގެންދާނެ ގޮތަކީ. އެންމެނަށް ވެސް ގުޅާފައި މިގޮތަށް މާފަށް އެދޭނެތޯ ބަލަން،" ވެސްޓްހެމްއާ ދެކޮޅަށް މިއަދު ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ރެފްރީންނަށް ސުވާލު އުފެދޭ ގޮތަށް މެޗެއްގެ ތެރޭގައި ކަމެއް ކުރެވިއްޖެ ނަމަ އެމީހުންގެ ވެރިއަކަށް ހުންނަ މީހަކު އެކަން ފަޅާއަރުވާލާނޭ ކަން މިހާރު ރެފްރީންނަށް އެނގެން ޖެހޭނޭ ކަމަށެވެ.
"މިހާރު ރެފްރީންނަށް އެނގެން ޖެހޭނެ އެއްކަމެއް. އެއީ، ސުވާލު އުފެދޭފަދަ ގޮތަކަށް އެމީހުންނަށް ކަމެއް ނިންމިއްޖެނަމަ، އަހަރެން ނުބުނަށް ނުބައި ނިންމުމެއްގެ ވާހަކައެއް. ސުވާލު އުފެދޭ ފަދަ ހާލަތެއްގައި ޗެލްސީއާ އެއްކޮޅަށް ނިންމުމެއް ނިންމައިފިނަމަ ރެފްރީންނަށް އެނގޭނެ މިހާރު އެމީހުންގެ ބޮސް އެމީހުން ބަދުނާމުކުރާނެ ކަން،" ޗެލްސީގެ ކޯޗު ބުންޏެވެ. "އެމީހުންނަށް [ރެފްރީންނަށް] އެހެން ޓީމްތަކާ އެއްކޮޅަށް ސުވާލުއުފެދޭ ފަދަ ހާލަތްތަކުގައި ވެސް ނިންމުންތައް ނިންމިދާނެ. އެކަމަކު އެކަމާ ފިޔަވަޅެއް ވެސް ނާޅާނެ."
މޮރީނިއޯ ބުނީ، މިއީ ރެފްރީންގެ އިދާރާއިން ކުރިއަށް އޮތްތާނގައި އަމަލުކުރަން ނިންމާފައިވާ ގޮތް ކަމުގައިވާނަމަ އެކަން އެންމެނަށް ވެސް ހަމަހަމަ އުސޫލަކުން ކުރާނޭ ކަމުގެ ޔަގީންކަން އެންމެނަށް ވެސް ލިބެން ޖެހޭ ކަމަށެވެ.