ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ޒާތީ ދެކޮޅުވެރިކަން އެއްފަރާތްކުރުމަށް ފަހު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ ހައިރެޕްރެޒެންޓެޓިވް ކެތަރިން އެޝްޓަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އީޔޫއިން އުއްމީދުކުރާ ކަމަށެވެ.

"ގަބޫލުކުރުންތަކާއި ޒާތީ ގޮތުން އޮތް ދެކޮޅުވެރިކަން އެއްފަރާތްކުރުމަށް ފަހު، އިގުތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުންތަކާ ކުރިމަތިލުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށް އީޔޫ އުއްމީދުކުރެ އެވެ،" ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އެމަގާމަށް އިންތިހާބުވެވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ކެތަރިން އެޝްޓަން ނެރުއްވި ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އަދި ވަނީ ގާނޫނު އަސާސީގެ ވެރިކަން ރާއްޖޭގައި އަލުން އިއާދަވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. ދިވެހިން ޑިމޮކްރަސީއަށް ޓަކައި ކުރި މަސައްކަތަށް ވެސް މަރުހަބާ ކިޔާ ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އިންތިހާބުގެ ކަންތައްތައް އެތައް ފަހަރެއްގެ މަތިން ލަސްވުމަށް ފަހު ވެސް ނިމުމަކަސް އައުމުން އީޔޫ އިން އެކަން ފާހަގަކޮށްފައިވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ތައުރީފުކޮށް އެކޮމިޝަނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންތައްތައް ލަސްވެގެން އީޔޫއިން ކުރިން ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.