މިޞުރުގެ ރައީސްކަމުން ދުރު ކުރެވި ހައްޔަރު ކުރެވިފައި ވާ ޑރ. މުޙައްމަދު މުރްސީއަށް ތާއީދު ކޮށް ސުއޭޒްގައި ބޭއްވި އެއްވުމެއްގެ ތެރެއަށް މިޞުރުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި އުމުރުން ދިހަ އަހަރުގެ ކުޑަ ކުއްޖަކު މަރު ވެއްޖެއެވެ.

މިއަދު ހިނގި ހާދިސާގައި މަރު ވެފައި ވަނީ ފިރިހެން ކުއްޖެކެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ބަޑީގެ ވަޒަން އަރައިފައި ވަނީ، ހަޅުތާލު ކުރި މީހުން ތިބި ސަރަހައްދާ ކައިރީގައި އޮތް މަގަކުން، އޭނާގެ މަންމަޔާ އެކު ހިނގައިފައި ދަނިކޮށެވެ. މި ހާދިސާގައި ކުއްޖާގެ މަންމަޔަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ކުއްޖާ ވަނީ ވަގުތުން މަރު ވެފައެވެ.

މަންޒަރު ދުށް މީހުން އަލްޖަޒީރާއަށް މައުލޫމާތު ދީފައި ވާ ގޮތުގައި، ސަމީރް އަލްޖަމާލް މަރު ވެފައި ވަނީ އޭނާގެ ބޮލުގެ ފުށްކިބައަށް އެރި ވަޒަނެއްގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން، މިޞުރުގެ ސިފައިންގެ ފަރާތުން ބުނެފައި ވަނީ ކުއްޖާ މަރު ވެފައި ވަނީ މުރްސީގެ ސަޕޯޓަރުންގެ ތެރެއިން ބަޑި ޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އިޚްވާނުލް މުސްލިމޫންގެ ފަރާތުން ބުނެފައި ވަނީ އެ ހަމަލަ ދީފައި ވަނީ ސިފައިން ކަމަށެވެ. އަދި ރައީސް މުރްސީއަށް ތާއީދު ކުރާ ރައްޔިތުންނާ ދެކޮޅަށް ލައިވް ވަޒަން ބޭނުން ކޮށްގެން ސިފައިން ދޭ ހަމަލަތައް އިޚްވާނުގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

މިއަދު ވެސް މިޞުރުގެ ބޮޑެތި އެތައް ޝަހަރެއްގައި، ރައީސް މުރްސީގެ ސަޕޯޓަރުން ވަނީ މިޞުރުގައި މިހާރު ވެރިކަން ކުރަމުން ދާ އަސްކަރީ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅށް މުޒާހަރާ ކޮށްފައެވެ. މިއަދުގެ މުޒާހަރާތަކާ ގުޅިގެން ސިފައިން 35 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ވެސް އަލްޖަޒީރާގެ މުރާސިލު ރިޕޯޓް ކުރެއެވެ.