23 Nov 2013, 10:52
ހުޅުމާލެ އަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަތަރި ދޯންޏަކުންނާއި މަރާމާތުކުރަމުންދާ ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެކުނު ފަޅުގައި އަޅާފައި އޮތް ސަތަރި ދޯންޏަކުން ބަނގުރާ ކޭސްތަކެއް ފެނިފައި ވަނީ އިއްޔެ ހަވީރު 17:45ގައި ކަމަށާއި އެ ކޭސްތައް ހުރީ އެ ދޯނީގެ އިންޖީނު ރޫމުގައާއި ދޯނީގެ މަތީ ބައިގައި ހުރި ގުދަނެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލާގައި އެ ދޯނީގައި ހުރި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރާމާތު ކުރަމުންދިޔަ ސަފާރީއަކުން ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފައި ވަނީ އިއްޔެ އިރުއޮއްސި 18:39ގައި ކަމަށެވެ. އަދި އެ މައްސަލާގައި އެސަފާރީގައި ބަނގުރާ ބޭނުންކޮށްގެން ތިބި ކަމަށް ތުހުމަތުކުރެވޭ ދެ ދިވެހިންނާއި ސަފާރީގައި ބަނގުރާ ބެލެހެއްޓުމުގައި ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ހިންގި އެ ދެ އޮޕަރޭޝަނުގައި އަތުލައިގަތް ކޭސް ތަކުގެ އަދަދު ގާތްގަނޑަކަށް 60 އަށް ވުރެ ގިނަ ކަމަށާއި އެގޮތުން އަތުލައިގަތް ކޭސްތަކުގެ ތެރޭގައި އޮރިޖިނަލް ޕެކިންގައި ނުކަނޑާ ހުރި ކޭސްތަކާއި ކަނޑާފައި ހުރި ބައެއް ކޭސްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ގެންދަނީ ތަޙުގީގު ކުރަމުން ނެވެ.