ސިޔާސީ ފައިދާތަކަށްޓަކައި އިސްލާމްދީނާ ދެކޮޅު ހަރަކާތައް ރާއްޖޭގެ ތައުލީމީ ސިޔާސަތުގެ ތެރޭގައި ދުވެގެންފި ކަމަށް ތުހުމަތު ކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. އެކަމަކު ހަމައެހެން ވެދާނެ ހެއްޔެވެ؟


މި ސުވާލު ކުރެވޭ ސަބަބަކީ ދީނީ ކަންކަމުގެ ނަމުގައި އިސްލާމްދީނުގެ ގަދަރާއި އިހުތިރާމަށް އުނިކަން ގެނުވާ ފަދަ ސިޔާސީ ކަންކަން ކުރުމަށް ހިތްވަރު ނުދޭނެ ކަމަށް "އެމްޑީޕީއިއްތިހާދު"ގެ މެނިފެސްޓޯ (އިއްތިހާދެއް އޮތުމާއި ނެތުމުގެ ބަހުސަކީ އެހެން ވާހަކަ އެކެވެ)ގައި ވަރަށް ސާފުކޮށް އޮތްކަމެކެވެ.  (މެނިފެސްޓޯގެ އިސްލާމް ދީން ދެމެހެއްޓުމުގެ ސިޔާސަތުގެ ހަތަރުވަނަ  ނަމްބަރު)


އެހެން ނަމަވެސް ސުވާލު އުފެދެނީ ދިވެހި ކިޔަވާކުދިން ހުޅަނގުން ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ފުޅާކުރެވިއްޖެ ނަމަ، ޕާކިސްތާނާއި މިސުރު ފަދަ ގައުމުތަކުގެ އިސްލާމީ ސްކޫލުތަކުން ތައުލީމު ހާސިލުކޮށް، ހަރުކަށި ހިޔާލު ގެންގުޅުމުގެ ފުރުސަތު ދިވެހިންގެ ކިބައިން ހުއްޓުވޭނެ ކަމަށް ރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރު އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވެފައިވާ ކަމަށް "ވިކީލީކްސް" އިން ވަނީ ލީކްކޮށްލުމުންނެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިކަމުގައި "ޣަފޫރޫ ވިދާޅުވާ އެއްޗެއް އެއްސެވުން ރަނގަޅުވާނެ" ކަމަށެވެ. ޣަފޫރާ ގުޅޭ ގޮތެއް ނުވި އެވެ.


ވިކިލީކްގެ ވާހަކަތަކަކީ ހަގީގަތަކަށް ވިޔަސް ނުވިޔަސް ދިވެހި ސަރުކާރަކުން މިކަން ދޮގު ކޮށްފައެއް ނުވެ އެވެ. އެހެން ކަމުން މިއީ ދެވަނަ  ވިސްނުމަކުން ވިސްނައިލަން ޖެހޭ ނުކުތާއެއް ކަމަށް ބެލެވިދާނެ އެވެ.


ސަލަފު ޖަމިއްޔާގެ ރައީސް ޝޭހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ މީޑިޔާގެ ތެރެއިން ފެތުރިގެން އައި ވިކްލީކްގެ ހަބަރާ ގުޅިގެން ވަރަށް ބޮޑަށް ކަން ބޮޑުވެފައިވާ ކަމަށާއި އެކަން ވަރަށް ކައިރިން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ކުއްލިއަކަށް ލީކް ކުރި ޑޮކިއުމެންޓެއް ކަމަށް ވިޔަސް މި ކަމުގެ މަސައްކަތް މާކުރިން މި އަހަރުގެ ކުރީ ކޮޅުގައި ދިވެހި ސަރުކާރާއި ހުޅަނގާ ގުޅިގެން ފެށިއްޖެ ކަމަށެވެ.


"އައްޑު އައްސަވާނެ  ޕާކިސްތާނުން ނުވަ މީހަކު ހިފެހެއްޓި ވާހަކައެއް. މިއީ ވަރަށް ބޮޑަށް ރާވައިގެން ޑްރާމާކޮށްފައިވާ ސިޔާސީ ޕްރޮޕެގެންޑާއެއް. މީގެ ބޭނުމަކީ އިސްލާމީ ތައުލީމް ހުއްޓުވައިލުން. އިސްލާމީ ތައުލީމުގެ ހުޅުކޮޅު ރާއްޖޭގައި ނިވާލުން،" ޝޭހު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ސަރުކާރުން ގެންދަނީ ދީނީ ތައުލީމާ އޮތް ފުރުސަތުތައް ހަނިކޮށް ދޮރު ބަންދު ކުރަމުން ކަމަށާއި އިސްލާމީ ތައުލީމް ކިޔަވައިދޭ ގައުމުތަކަށާއި ތަންތަނަށް ދިވެހިންނަށް ވާސިލުވޭނެ ހުރިހާ މަގެއް ހަނި ކުރަމުން ކަމަށެވެ.


"ނުރަނގަޅު މިސާލެއް އޮވެދާނެ އިސްލާމީ ތައުލީމް ދޭ ތަނަކުން ވެސް އައިސްފައި. އެކަމަކު މާޒީއަށް ވިސްނާލީމާ އެނގިވަޑައިގަންނަވާނެ ރާއްޖެއަށް ޣައިރު ދީން އަންނަނީ ކިހިނެއްކަން. ކޮންތާކުންކަން ނުބައި އާދަތައް ގެންނީ.،" އޭނާ ވިދާޅުވި އެވެ.


އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ވިދާޅުވީ ތައުލީމީ ސިޔާސާތު ހާމަ ކުރުމުގަ އާއި ބައްޓަން ކުރުމުގައި ހާއްސަކޮށް ދީނީ ތައުލީމާއި ގައުމިއްޔަތުގެ ރޫހު ބައްޓަން ކުރުމުގައި މިހާރު ސަރުކާރުން ގެންގުޅޭ ބައެއް ވިސްނުންތަކާ މެދު ކަންބޮޑުވާ ކަމަށާއި މިސުރާއި ޕާކިސްތާނަށް ރާއްޖޭގެ ކުދިން ދިއުމާ ބެހޭ ގޮތުން ސަފީރު  ވިދާޅުވި ކަމަށް ފާޅުވެގެން އުޅޭ ޑޮކިއުމަންޓަކީ ޝައްކެއް ނެތް ޑޮކިއުމެންޓެއް ކަމަށެވެ.


"އެކަމަކު މީގައި ވިސްނާލަން ޖެހޭ ކަންކަން އެބަހުރި ޕާކިސްތާނުގައި ވެސް ހުރޭ ހަރުކަށި ވިސްނުމުގެ ތަންތަން،  [އެފަދަ] މަދަރުސާތައް. އެ އެއިޝާރާތް ކުރަނީ އެކަންކަމަށް ކަމުގައި ވަނީ ނަމަ މާ ބޮޑު މައްސަލައެއް ނެތް. ހަމައެހެންމެ ރަނގަޅު ތަންތަން އެހާ ގިނަވެސްމެ،  މިސުރުގައި އެބާވަތުގެ ތަންތަން އަމުދުން ނުހުންނަ ކަމަށް ވަނީ. އެހެންވީމާ މިއީ ކަންބޮޑުވާންޖެހޭ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.


ތައުލީމާ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު ނަން ހާމަ ކުރައްވަން އުޒުރުވެރިވެ ވަޑައިގެން ވިދާޅުވީ ދީނީ ތައުލީމް ހާސިލު ކުރާ ފަރާތްތަކަށް ހުރި ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކުރަމުންދާއިރު ޕާކިސްތާނާއި މިސުރަށް އޮތް ޖާގަ މުޅިން ނެތިގެންދާނެ ގޮތްގޮތަކަށް ސަރުކާރުން ސިޔާސަތު ދުރުދުރުން މަޑުމަޑުން ބައްޓަން ކުރަން ފަށައިފައިވާ ކަމަށެވެ. މިއީ  ނުބައި ނަތީޖާއަކާ ދިވެހިރާއްޖެ ދާދި އަވަހަށް ކުރިމަތިލާން ޖެހޭނެ ސިޔާސަތެއް ކަމަށާއި މި ކަމަކީ ސިޔާސީ ފައިދާއަށް ކުރާ ކަމެއް ކަމަށެވެ.


ސަލަފްގެ ރައީސް ވިދާޅުވީ އިސްލާމީ ތައުލީމަށް އޮތް ހުރިހާ ފުރުސަތެއް ހަނިކު ކުރުމުގެ ޕްލޭނެއްގެ ދަށުން މިހާރު އިސްލާމީ ތައުލީމް ކިޔަވަން އެއްވެސް ތާކަށް ދާ ދިވެއްސަކަށް ވިސާ ލިބުމަކީ ވަރަށް ނާދިރު ކަމަކަށްވެފައިވާ ކަމަށެވެ.


"މިދަނީ މިކަން ގޯހުން ގޯހަށް. މިކަން މިއޮތީ ވަރަށް ބޮޑަށް ގޯސްވެފައި، ސިޔާސީވެފައި،" ޝޭހު ވިދާޅުވި އެވެ.


ސަލަފުގައި މަސައްކަތް ކުރައްވާ އެހެން ޝޭހަކު ވިދާޅުވީ ރާއްޖޭގެ ކިޔަވާ ކުދިން މިސުރާއި ޕާކިސްތާނަށް ހާއްސަކޮށް ޕާކިސްތާނަށް ދިއުން ހުއްޓުވުމުގެ ޕްލޭނެއް ރައީސް ނަޝީދު ވެރިކަމުގެ ފެށުމުގައި ވެސް އެބައޮތް ކަމަށެވެ.


އޭނާ އެ ވިދާޅުވި ވާހަކައަށް އަލި ކަމެއް އަޅުވައިލެވިދާނެ އިންޓަވިއުއެއް ރައީސް ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު އޮކްޓޫބަރު 2009 ގައި ދެއްވާފައިވެ އެވެ.


އެ އިންޓަވިއުގައި ވިދާޅުވި އެއް ވާހަކައަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ތާލިބާނުން ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު އެ ޖަމާއަތަށް ވައްދަމުންދާ ކަމަށެވެ. އިންޑިއާގެ ނިއުސް ޗެނަލް ސީއެންއެން- އައިބީއެން އަށް ދެއްވި އެ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގްރޫޕުތަކަށް ދިވެހިން ވައްދަމުންދާއިރު  އެތައް ސަތޭކަ ދިވެހިންނެއް އެކަމުގައި އުޅެ އެވެ. "އެ އަދަދު ހާހުން ގުނޭ ވަރަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ" ކަމަށް ވިދާޅުވި އެވެ.


ރައީސްގެ އެ އިންޓަވިއުގެ އެންމެ ހާއްސަ ތަންކޮޅަކީ "އެ މައްސަލަ ސަރުކާރުން ބަލައި ރަނގަޅަށް ކޮންޓްރޯލް ކުރަން ޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވާ އިބާރާތާއި "ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ހުރިހާ ދަރިވަރުން ތާލިބާނުންނަށް ތާއީދުކުރާ ކަމަށާއި  ތާލިބާނުންނަށް ވާގިވެރިވާ ކަމަށް ވިދާޅުވާ އިބާރާތެވެ. ވިކިލީކްގެ ތެރެއިން ކުރި ފަޅައިގެން މީޑިޔާގައި ފެތުރިފައިވާ  ހަބަރާ ރައީސް ނަޝީދުގެ އިންޓަވިއު ގުޅުވައި ވަރަށް ގިނަ މީހުން ވަނީ ހަބަރުތަކަށް ކޮމެންޓްވެސް ކޮށްފަ އެވެ.


ފެބްރުއަރީ 24، 2010 ގައި އެމެރިކާ ސަރުކާރުގެ ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ކުރިން، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ސަފީރު، ޣަފޫރު ބޭއްވި ބައްދަލުވުންތަކުގެ ޑޮކިއުމެންޓުތައް ވިކް ލީކްން ބޭޒާރުކޮށްލާފައިވާއިރު އޭގައި ބުނަނީ މިސްރަށާއި ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ކުދިން އެ ގައުމުތަކުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ތެރެއަށް ވައްދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަރުކަށި ޚިޔާލުތައް ގެންގުޅޭ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށާއި ހަރުކަށި ހިޔާލުތައް ގެންގުޅުމުގެ ސަގާފަތް އިތުރަށް ފުޅާވުން ހުއްޓުވޭނީ، ހުޅަނގުގެ "ލިބަރަލް" ތައުލީމު ހާސިލްކުރުމަށް އިތުރު ފުރުސަތުތައް ފޯރުކޮށްދިނުމުން ކަމަށެވެ.


ލީކްވި ޑޮކިއުމަންޓްތައް ބުނާ ގޮތުން އިސްލާމީ ގައުމުތަކަށް ދާ ކިޔަވާ ކުދިންނަށް އެނޫން ފުރުސަތުތައް ހޯދުމަށްޓަކައި، އެމެރިކާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބާޓް ބްލޭކްއާ ޣަފޫރު ވާހަކަފުޅު ދައްކަވާފައިވާ ކަން ހާމަވެ އެވެ.  އެމެރިކާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ފުރުސަތުތައް ޕްރޮމޯޓްކޮށް، އެ ދާއިރާ އިން އިތުރު އެއްބަސްވުންތަކެއް ގާއިމް ކުރެވިއްޖެ ނަމަ، މިސްރަށާއި ޕާކިސްތާނަށް ކިޔަވަންދާ ދިވެހިން ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ބަޔަކަށް ވުމުން ފަރުޖެއްސޭނެ ކަމަށް ޣަފޫރު ބްލޭކް އަރިހު ވިދާޅި ކަމަށް  ވެއެވެ.


މިމަގަށް ހުރި ހުރިހާ ކަމަކަށް ވިސްނާލާއިރު ސަރުކާރުގެ "ކޮންޓްރޯލް" ކުރުމުގެ މަސައްކަތުގެ ބަޔަކަށް މި ކަން ވުމަކީ ހަމަވެދާނެ ގޮތެކެވެ. އެކަމަކު މެނިފެސްޓޯގައި އެހެން އޮތީ ހަމަ ޝައްކު އުފެދެ އެވެ.