އިންޑިއާ އަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ފޮނުއްވި ސިޓީ ފުޅަށް ޖަވާބު ދެއްވުމަށް ރައީސް ޔާމީނު ފޮނުއްވި ސިޓީގައި މިހެން ވިދާޅުވެފައިވާ ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުންޏެވެ.

"އިންޑިއާއާ އެކު އޮންނަ ގުޅުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ. އަޅުގަނޑުމެން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތައް ހޯދުމަށް އަޅުގަނޑު ޝައުގުވެރިވަމެވެ،" ރައީސް ޔާމީނުގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން އިއްޔެ ބުނެފައިވެ އެވެ.

ރައީސް އަދި ވިދާޅުވެފައި ވަނީ ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން ވީހާ އަވަހަކަށް އިންޑިއާ ސަރުކާރާ މަޝްވަރާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަޑައިގެންނެވެން އޮތް އެންމެ އަވަސް ފުރުސަތެއްގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައިވެ އެވެ.

ރައީސް ޔާމީނުގެ އެސިޓީ ފުޅަކީ އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން ސިންގް ފޮނުއްވި ސިޓީފުޅަށް ޖަވާބު ދެއްވުމަށް ފޮނުއްވި ސިޓީ ފުޅެކެވެ.

ސިންގް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އިންޑިއާ އިން އެންމެ މަތީ މިންވަރަށް އަހައްމިޔަތުކަން ދޭ ގުޅުމެއް ކަމަށެވެ.

"މަގާމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެވަޑައި ގަންނަވާ އިރު މަނިކުފާނަށް ކާމިޔާބު ދައުރަކަށް އެދެމެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި، ފާގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ރައީސް ޔާމީނު ހުވާ ކުރެއްވުމުގެ ކުރިން ސިންގް ފޮނުއްވި މެސެޖްގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ޔާމީނުގެ ރިޔާސަތުގައި، ހަމަޖެހުމާ އެކު ކުރިއަށް ދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިންޑިއާގެ އިތުރުން އެމެރިކާ އިން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ. ޔާމީނު ރައީސްކަމުގެ މަގާމަށް ވަޑައިގެންފައި މިވަނީ ރާއްޖެއާ ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު އޮންނަ ގުޅުންތައް ވަރަށް ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ.