ކުރިއަށް އޮތް ފަސް އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިސްލާމިކް މިނިސްޓްރީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުގެ ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމް، ރައީސް ޔަމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު "ސަން" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔަމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމްދީނުގެ ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެމަނިކުފާނު ކުރައްވާނެ މަސައްކަތަކީ އިސްލާމިކް މިނިސްޓްރީ ޒަމާނީ ތަނަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ތަނުގެ ފަންޑު އިތުރުކޮށް އެ ފަންޑުތަކުގެ އެހީގައި ރައީސް ޔާމީންގެ އިސްލާމީ ސިޔާސަތު ތަންފީޒު ކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ދީނީ ސިޔާސަތުގެ ދަށުން ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ އިރު ރާއްޖޭގެ ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް ޒުވާނުން އިސްލާދީނުގެ ކަންތައްތަކަށް ހޭލުންތެރި ކުރުމަށް ހާއްސަ ސަމާލު ކަމެއް ދީފައިވާ ކަމަށެވެ. އެހެން ކަމުން އެކަންތައްތައް ތަންފީޒު ކުރާނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަމަށާއި ހާއްސަކޮށް ޒުވާނުންނަށް އިސްލާމްދީނުގެ ކަންތައްތައް އުނގަންނައި ދިނުމުގައި ސައިންޓިފިކް ގޮތްތައް ބޭނުން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކަށް މިއޮތީ ތަން ތަރައްގީ ކުރުމާއި މިތާނގެ ފަންޑުތައް ޑިވެލޮޕް ކުރުމާއި އެ ފަންޑުތަކުން މެނިސްފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑު އެކަންތައްތައް ކުރުމަށް ގަސްތު ކުރަނީ ޒަމާނީ އުސޫލްތަކެއްގެ ތެރެއިން. އެގޮތުން ޒުވާނުންގެ އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ ސައިންޓިފިކް ހަގީގަތްތަކާ އެއްގޮތަށް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހުރި އިސްލާމް ދިނާ ގުޅުން ހުރި ކަންތައްތަކާއި އެނޫން ވެސް ކަންތައްތައް ތަންފީޒު ކުރުމަށް ޓަކައި ނުވަތަ މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށް ޓަކައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އަކީ އިގްތިސާދީ ތަޖުރިބާކާރަކަށް ވާތީ ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމަށް އަވަސް ހައްލެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ އޮނިގަނޑުގެ ތެރެއިން އިސްލާމީ ތަރުބީއްޔަތުގެ ބައި ނުވަތަ އިސްލާމްދީނާއި ގުޅުން ހުރި ބައިތަކާއި އިސްލާމީ މުގައްރަރު ވަރަށް ބޮޑަށް އިސްލާޙް ކުރަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ އިސްލާމީ މުގައްރަރު ޒަމާނީ އުސޫލްތަކަށް ފައްތައި އިސްލާމްދީނުގެ ކަންތައްތައް ސައިންޓިފިކް ހެކިތަކުގެ އަލީގައި ކިޔަވައި ދިނުމަށް މުގައްރަރުގައި ހިމަނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރަށްވާ އިރު އެ ބަދަލުތައް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށާއި އަދިވެސް ކަމާ ގުޅުން ހުރި ވުޒާރާތަކަށް އިރުޝާދު ދެއްވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ރާއްޖޭގެ ޢިލްމްވެރިންނަށް ހޯދައި ދިނުމާ ބެހޭ ގޮތުން ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ ފަދައިން، މިނިވަން މުސްތަގިއްލު އިލްމްވެރިންގެ ސުޕްރީމް ކައުންސިލެއް އުފައްދަވާނެ ކަމަށެވެ. އަދި އެކައުންސިލް ވެގެންދާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކައުންސިލަކަށް ކަމަށާއި ކައުންސިލްގައި ހިމެނޭ އިލްމްވެރިންނަކީ އެއްވެސް ސިޔާސީ ޕާޓީ އަކަށް ތާއިދު ކުރާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިވަން މުސްތަގިއްލު އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ އިލްމްވެރިންގެ ސުޕްރީމް ކައުންސިލް އެއް ރާއްޖޭގައި އޮތުމަކީ މިހާރު ވަރަށް މުހިންމު ކަމެއް. އެ ސުޕްރީމް ކައުސިލްގެ މަސައްކަތަކީ ގާނޫނީގޮތުން ދޭން ޖެހޭ ގާނޫނީ ލަފާ ދިނުން. ނުވަތަ ދީނީ ކަންމުގައި ފަތުވާ ނެރުން. އެތަނުގައި ތިބޭނީ ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް އިލްމުވެރިން. އެތަނުގައި ތިއްބަވާ ބޭފުޅުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ ބޭފުޅަކަށް ވެގެން ނުވާނެ. އަދި ސިޔާސީ ޕާޓީއެއްގައި ހިމެނޭ ބޭފުޅަކު އެ މަޖިލީހަށް އައްޔަން ކުރެވިއްޖެ ނަމަ އެ ބޭފުޅަކު އެ ސިޔާސީ ޕާޓީއަކުން ވަކިވެވަޑައިގެންނަވަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ޓަކައި އެމްޑީޕީން ވެސް އެއްބާރުލުން ދެމުން ގެންދާކަމީ ގައުމުގެ ކުރިއެރުމާއި އަމާން ކަމަށް ވަރަށް މުހިންމު ދޮރެއް ހުޅުވިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ ވަރަށް ބޮޑަށް އަމާން ވެފައި ކަމަށާއި އިސްލާމް ދީނުގެ ކަންތައްތައް ތަންފީޒު ކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ކުރީގެ ރައީސް ނަޝީދާ ވެސް ބައްދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެގޮތުން ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށް ބޭނުންފުޅު ކަމަށް އެމަނިކުފާނަށް ދަންނަވާފައި ވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދާ ބައްދަލު ކުރެއްވުމުގެ ބޭނުމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމު ކުރުމާއި އެންމެންނަކީ އެއްބައެއްވަންތައް ބައެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަށް ކަމަށެވެ. އަދި އެކަމަށް ޓަކައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އަދި މަޝްވަރާ ކުރުމަށް ޓަކައި ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވާފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް "ސަން" އަށް ދެއްވި އިންޓަވިއު ނިންމަވާލެއްވުމުން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނާއި ޖުޑިޝަރީއާއި އަދި ތަންފީޒީ ހުރިހައި ބާރުތަކާއި ގާނޫނުހަދާ މަޖިލީހުގެ ފަރާތުން އެދޭ އެދުމަކީ އަދި ކުރައްވާ އިލްތިމާސަކީ، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޓަކައި ހާއްސަ ޕްލޭނެއް އަވަސް މުސްތަގުބަލެއްގެ ތެރޭގައި އަޅުގަނޑުމެން އެކުލަވައިލާނަން. އެ ޕްލޭން ހުރިހާ ފަރާތްތަކާއި ހިއްސާ ކުރާނަން. އަދި ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އަށަގެންނެވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." އިސްލާމިކް މިނސްޓަރު ވިދާޅުވި އެވެ.