އަންނަ މަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބާއްވާ އޭސީސީ 19 އަހަރުން ދަށުގެ ކުރިކެޓް މުބާރާތް 2014ގައި ރާއްޖެއިން ވާދަކުރާ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ކުޅުންތެރިން އިއުލާނު ކޮށްފި އެވެ.

ހުޅުމާލޭގައި ކްރިކެޓް ބޯޑުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފައިނަލް ސްކޮޑް އިއުލާނުކޮށްދެއްވީ ކްރިކެޓް ބޯޑުގެ ސިލެކްޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު އަފްލާހް އެވެ.

ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޙްމަދު ނީޝަމް ނާސިރު އެވެ. އަދި ކޯޗެއްގެ ގޮތުގައި އިމާދު އިސްމާއީލް ހަމަޖައްސާފައިވާއިރު ޓީމްގެ ފިޒިއޯގެ ގޮތުގައި ހަމަޖައްސާފައިވަނީ ބޯޑުގެ އެކްސްކޯ މެންބަރު މާދިހު އިސްމާއީލް އެވެ.

އަންނަ މަހުގެ ދެވަނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް ދޭއްގައި ހިމެނެނީ އޮމާން، ބޫޓާން އަދި މިޔަންމާ އެވެ. ޖުމްލަ ހަތް ގައުމު ވާދަކުރާ މުބާރާތް ދެގްރޫޕަކަށް ބާހާލާފައިވާއިރު ގްރޫޕް އެކެއްގައި ހިމެނެނީ ސިންގަޕޫރު ޗައިނާ އަދި އީރާން އެވެ.

މުބާރާތުގައި ބައިވެރިވުމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ގައުމީ ޓީމް ބެންކޮކަށް ފުރުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ކުރިން އެގައުމުގައި ބޫޓާނާއި، ތައިލެންޑާއި އަދި ސިންގަޕޫރާއެކު ރާއްޖޭގެ ޓީމް ފަރިތަކުރުމުގެ ގޮތުން މެޗުތަކެއް ކުޅެއް ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑުން ބުންޏެވެ.

އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ، އަންނަ މަހުގެ އަށްވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. އަދި ޑިސެމްބަރ 10 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އިރު ރާއްޖެ ކުޅޭ ފަހުމެޗުގައި ޑިސެންބަރު 11 ވަނަ ދުވަހު ވާދަކުރާނީ މިޔަންމާއާ އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމް:
- އިބްރާހީމް ނަޝާތު (ކެޕްޓަން)
- މުހައްމަދު ޝާފީ ސައީދު (ވ. ކެޕްޓަން)
- މުހައްމަދު ރިޝްވާން
- ލީމް ޝަފީގް
- މުހައްމަދު މަބްރޫކް
- އިބްރާހިމް ރިޒާން
- ހިސާން ހައްޔު
- އަހްމަދު ޒައިދު ނާސިހް
- އިސްމާއީލް ނަޝްވާން ނާސިރު
- މުހައްމަދު އާލިމް
- އިބްރާހީމް ޔައިޝް
- އާދަމް ނާސިފް އުމަރު
- އަލީ ޝުނާން
- އަހްމަދު ޔާސީން
- އިބްރާހީމް ސަތީއު
- މުހައްމަދު ޝަދުހާން
- އިސްމާއީލް ނަޒުވާން ބަދީއު