ޖެނީވާ (ނޮވެމްބަރު 23): ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ޖެނީވާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ރަޝިޔާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާގެ ޚާރިޖީ ވަޒީރުން ޖެނީވާ އަށް ވަޑައިގެންފި އެވެ.

މިހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން މިވާހަކަތަކުގައި ބައިވެރިވެވަޑައިގަތުމުގެ ބޭނުމަކީ މިކަމުގައި އެއްބަސްވުމަކަށް އައުމަށް ބާރުއެޅުމެވެ. މިވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފްދުގެ ވެރިޔާ ޢައްބާސް ޢިރާގްޖީ ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރްސަތު އެބައޮތް ކަމަށާ މިދިޔަ ބުދަދުވަހުން ފެށިގެން ކުރިޔަށްދާ ވާހަކަތަކުގައި ކުރިއެރުންތަކެއް ވެސް ހާސިލް ކުރެވިފައިވާ ކަމުގަ އެވެ. ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު ގެއްލޭ ފަދަ އެއްބަސްވުމަކަށް އީރާން ނުދާނެ ކަމަށާ ހުޅަނގުގެ ބާރުތަކުން ބާރުއަޅަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤުން އީރާން މަޙްރޫމް ކުރެވޭފަދަ އެއްބަސްވުމަކަށް ދިޔުމަށް ކަމަށް އީރާނުގެ މަސްއޫލުވެރޔާ ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ ޖެނީވާގައި ކުރިޔަށްދާ ވާހަކަތަކުގައި އީރާނުގެ ނިއުކްލިޔާ މައްސަލައާބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވުމުގެ އުންމީދު ބޮޑުކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނީ ޖެނީވާގެ ވާހަކަތަކުގައި ކެރީ ބައިވެރިވުމަކީ ނަތީޖާއެއް ހާސިލްކުރެވޭނެކަމުގެ ގެރެންޓީ އޮތުންނޫން ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެއްބަސްވުމަކަށް އަންނަން އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ބޭނުންވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑުބައެއް އުވާލުމަށެވެ.

އީރާން ބޭނުން ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އެގައުމަށް ލިބޭގޮތަކަށް އެއްބަސްވުމަކަށް އައުމަށެވެ. އެމެރިކާގެ ކޮންގްރެސްއިން ވަނީ ހުޅަނގުން އެދޭފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ގޮތުން ޖެނީވާގައި މިމަހުގެ ކުރީކޮޅު ބޭއްވި ފުރަތަމަ ބުރުގެ ވާހަކަތައްވެސްވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ.

މިވާހަކަތަކުގެ ދެވަނަ ބުރު މިދިޔަ ބުދަދުވަހު ފެށިފައިވާ އިރު ފަރަންސޭސިވިލާތުން ވަނީ އެއްބަސްވުމަކަށް އައުމަށް އީރާނާއެކު ކުރާ މުޢާމަލާތްތަކުގައި ހަރުކަށިވުމަށް ދުނިޔޭގެ ބާރުތަކަށް ގޮވާލާފަ އެވެ. އީރާނުގެ ވަފްދުގެ ވެރިޔާ ޢައްބާސް ޢިރާގްޖީ ވިދާޅުވީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤަކީ އީރާނުގެ ރަތްރޮނގު ކަމަށާ އެއްބަސްވުކަމަށް ނާދެވުނު ނަމަވެސް މިރަތްރޮނގު އީރާނުން ހުރަސް ނުކުރާނެ ކަމުގަ އެވެ. ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އީރާނަށް ނުލިބޭ ފަދަ އެއްބަސްވުމަކަށް އައުމަށް ކަމަށްވާއިރު މިކަމަށް އީރާން ދެކޮޅުހަދާތީ ޖެނީވާގައި ކުރިޔަށްދާ މިބުރުގެ ވާހަތަކުން ވެސް ނަތީޖާއެއް ނެރޭވެނެކަމުގެ އުންމީދު ކުޑަކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)