ވޮޝިންޓަން (ނޮވެމްބަރު 23): އެމެރިކާގެ 35 ވަނަ ރައީސް ކަމަށްވާ ޖޯން އެފް ކެނެޑީ އަވާހަރަކޮށްލިތާ އިއްޔެ 50 އަހަރު ފުރުމާގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކުގައި މި މުނާސަބާ ފާހަގަ ކުރަމުން އެބަގެންދެ އެވެ.

ކެނެޑީ އަވަހާރަކޮށްލާފައި ވަނީ 1963 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު، ޓެކްސަސްގެ ދަލަސްގައި ރަސްމީ މޮޓޮކޭޑެއްގައި ވަޑައިގަންނަވަނިކޮށް ގޮތް ނޭނގޭ ފަރާތަކުން އޭނާގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކެއްގަ އެވެ. ކެނެޑީ އަވަހާރަކޮށްލި ފަރާތެއް މިހާތަނަށް ވެސް ސީދާގޮތެއްގައި އެމެރިކާގެ ކްރިމިނަލް އިންވެސްޓިގޭޝަންތަކާ ބެހޭ އިދާރާތަކަށް ހޯދިފައިނުވާތީ އޭނާ އަވަހާރަކޮށްލާފައި ވަނީ އެމެރިކާގައި އާދަޔާ ޚިލާފަށް ބާރާއި ނުފޫޒުގެ ވަކި ހިއްޕާލާފައިވާ އިސްރާއީލަށް ވަފާތެރި ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތައް އަޑީގައި ތިބެގެން އެމެރިކާގެ ޖާސޫސީ އިދާރާގެ އެޖެންޓުން ކަމަށް ބެލެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ކެނެޑީއަކީ އެމެރިކާގެ ރައީސުންގެ ތެރެއިން އިސްރާއީލުގެ މަސްލަޙަތަށް ނުބައްލަވައި އަދި އިސްރާއީލާމެދު ޚާއްސަގޮތެއް ނުބަހައްޓަވައި ވެރިކަން ކުރައްވަމުން ގެންދެވި ރައީސެއް ކަމަށް އެމެރިކާއާއި އިސްރާއީލުގެ ގުޅުންތައް ދިރާސާ ކުރައްވާ ގިނަމުޙައްލިލުން ދެކެ އެވެ. ކެނެޑީގެ ހަނދާން އާކުރުމުގެ ގޮތުން ވައިޓް ހައުސްގައި އިއްޔެ ބޭއްވި ޚާއްސަ ހަފްލާއެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ބައިވެރިވެވަޑައިގެންފައި ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. ކެނެޑީގެ ހަނދާނުގައި ބޮސްޓަންގައި ގާއިމްކޮށްފައިވާ ލައިބްރަރީއާއި ދާރުލްއާސާރުގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ މައުރަޒެއް ވަނީ އިފްތިތާޙް ކޮށްފަ އެވެ.

ޖޯން އެފް ކެނެޑީ، އެމެރިކާގެ ރިޔާސަތުގައި ހޭދަކުރެއްވީ އެންމެ ތިން އަހަރު ކަމަށް ވިޔަސް ކެނެޑީއަކީ އެމެރިކާގެ ރައްޔިތުން ވަރަށް ލޯބިވާ ޒުވާން އަދި ވަރަށް ހީވާގި ރައީސެކެވެ. އެމެރިކާ ހަނދަށް ދިޔުމުގެ މަޝްރޫޢު ރާއްވަވާފައި ވަނީ ކެނެޑީގެ ވެރިކަމުގައި އޭނާ އިސްކޮށް ހުންނަވައިގެންނެވެ. ކެނެޑީ ވަނީ މަދުއަހަރު ތަކެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތެއްގެ ފައި ހަނދުގެ ސަތަހުގައި ޖައްސާނެ ކަމުގެ ވަޢުދު ރައްޔިތުންނަށް ވެވަޑައިގެންފަ އެވެ. ކެނެޑީ ރޭއްވެވި މިމަޝްރޫޢު އެމެރިކާއަށް ކާމިޔާބު ކުރެވިފައި ވަނީ 1969 ގައެވެ. ނަމަވެސް 1969 ގައި އެމެރިކާ ހަނދަށް ދިޔަކަމަށް ބުނެ ފަތުރާފައިވާ ޚަބަރުތައް ދުނިޔޭގެ ގިނަބަޔަކު ގަބޫލުކޮށްފައެއް ނުވެ އެވެ.

ކިޔުބާގެ މިސައިލް މައްސަލާގައި އެމެރިކާއިން އޭރުގެ ސޮވިއެޓް ޔުނިޔަން އަށް ދޫދީފައި ވަނީ ވެސް ކެނެޑީގެ ވެރިކަމުގަ އެވެ. މިކަމުގެ ސަބަބުން ދުނިޔެ ވަނީ ނިއުކްލިޔަރ ހަނގުރާމައަކުން ސަލާމަތް ވެފަ އެވެ. ކެނެޑީ ފަސްދާނު ލެވިފައި ވަނީ ވޮޝިންޓަންގެ ކައިރީގައިވާ އެމެރިކާގެ ނެޝަނަލް އާލިންޓަން ގަބުރުސްތާން ގަ އެވެ. (ނޫސްއެޖެންސީތައް)