ނިއުދިއްލީ (ނޮވެމްބަރު 23): އިންޑިޔާގައި ފިޔާ އެންމެ ގިނައިން އުފައްދާ ސްޓޭޓްތައް ކަމަށްވާ ބިހާރު، ޕަންޖާބް،އުއްތުރާޕްރަދޭޝް އަދި ވެސްޓް ބެންގޯލަށް ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައިގެ ސަބަބުންފިޔާ ހެއްދުން ދަތިވެ އިންޑިޔާގެ ބާޒާރުތަކުގައި އަނެއްކާވެސް ފިޔާގެ އަގު ބޮޑުވެއްޖެ އެވެ.

ރޮއިޓާސް ޚަބަރުދޭ ގޮތުގައި އިންޑިޔާގެ ބާޒާރުތަކުގައި ފިޔާގެ އަގު މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10.71 އިންސައްތަ އަށް އަނެއްކާ ވެސް އުފުލިފަ އެވެ. މިއާއެކު އިންޑިޔާގެ ގިނަ ސަރަހައްދުތަކުގެ ފިހާރަތަކުން ފިޔާ ކިލޯއެއް ގަންނަން ލިބޭކަމަށް ވަނީ 40 ރުޕީސް އާއި 45 ރުޕީސްއާ ދެމެދުގެ އަގަކަށް ކަމަށް ޚަބަރުތައް ބުނެ އެވެ. އިންޑިޔާގެ ބާޒާރުތަކުގައި ފިޔާގެ އަގު ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޯގަސްޓް މަހުން ފެށިގެންނެވެ. އެއަށް ފަހު މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އިންޑިޔާގެ ބާޒާރުތަކުގައި ފިޔާ ކިލޯއެއްގެ އަގު ސަތޭކަ ރުޕީސް އަށް ވެސް އަރައިގެން ގޮސްފައިވެ އެވެ.

ފިޔާގެ އަގު އަނެއްކާ ވެސް މައްޗަށް އަރާފައިވާ އިރު ބައެއް ސްޓޭޓްތަކުގައި މިހާރު ފިޔާ މުޅިންހެން ހުސްވެފައިވާ ކަމަށާ އިންޑިޔާ އަށް ބޭނުންވާ ފިޔާގެ ބޮޑުބައެއް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޕޯޓް ކުރަމުން ގެންދަނީ އީރާނާއި ޗައިނާއިން ކަމަށްއިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. ހޯލްސޭލްކޮށް ފިޔާ ވިއްކާ އެންމެ މަޝްހޫރު އެއް ބާޒާރު ކަމަށްވާ އިންޑިޔާގެ "ލަސަލް ގާއޯން އެގްރިކަލްޗަރ ޕްރޮޑިއުސް" ބާޒާރުގައި އިއްޔެ 50 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކާފައި ވަނީ 2600 ރުޕީސްއަށް ކަމަށްވެ އެވެ. ފިޔާ އަގުބޮޑުވުމުގެ ކުރިން މީގެ ބަސްތާއެއް 1000 ރުޕީސް އަށް ލިބެ އެވެ.
މިދިޔަ ހަފްތާ ފެށުނު އިރު ހޯލްސޭލް ބާޒާރުގައި 2400 ރުޕީސް އަށް ފިޔާ ބަސްތާއެއް ވިއްކަން ހުރި ނަމަވެސްފިޔާގެ އަގު އިއްޔެ 10.7 އިންސައްތަ އަށް އަނެއްކާ ވެސް އުފުލުމުން ހޯލްސޭލް ބާޒާރުގައި 50 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގުވަނީ 2600 ރުޕީސްއަށް މައްޗަށް ގޮސްފަ އެވެ. މިދިޔަ އޯގަސްޓް މަހުން ފެށިގެން އިންޑިޔާގެ ބާޒާރުތަކުގައި ފިޔާގެ އަގު ބޮޑުވާން ފެށުމުން އިންޑިޔާ ސަރުކާރުން އަވަށްޓެރި އީރާނާއި ޗައިނާއން ފިޔާ ގިނައަދަދަކަށް އިންޕޯޓް ކުރުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ފިޔާގެ އަގުވަނީ އިތުރަށް މައްޗަށް ނުގޮސް ކޮންޓްރޯލް ކުރެވިފަ އެވެ.

އިންޑިޔާގައި ފިޔާގެ އަގުބޮޑުވުމުން އާންމުންގެ ނުރުހުންވަނީ ސްޓޭޓްތަކުގެ ސަރުކާރުތަކާއި އިންޑިޔާގެ މައިސަރުކާރަށް ވެސް އަމާޒުވެފަ އެވެ. މިމައްސަލާގައި އިންޑިޔާގެ ބައެއް ސްޓޭޓްތަކުގެ ސިޔާސީ ބައެއް ލީޑަރުން އިސްތިއުފާ ވެސް ދެއްވާފައިވެ އެވެ. އަދި ކުރިޔަށްއޮތް އާންމު އިންތިޚާބުގެ ކުރިން ފިޔާގެ އަގު ހެޔޮނުވެއްޖެ ނަމަ އިންޑިޔާގައި މިހާރު ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް އިންތިޚާބުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އިންތިޚާބުގައި ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)