އެސްޓީއޯ މިހާރު އޮތީ ބަނގުރޫޓުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ލާލޭޔޫތު އިންޓަނޭޝަނަލް ސްކޫލްހައި ޕީޕީއެމްގެ ސަޕޯޓަރުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްޓީއޯގައި ދިވެހި ފައިސާގެ އިތުރުން ޑޮލަރު ވެސް ނެތް ކަމަށާއި އެތަނަށް ތެޔޮ އިމްޕޯޓް ކުރުމަކީ މިހާރު ދައުލަތުގެ މާލިއްޔަތަށް ބުރައަކަށް ވެފައި އޮތްކަމެއް ކަމަށެވެ.

"އެސްޓީއޯ އަކު ޑޮލަރު ނެތީކީ ނޫން އެސްޓީއޯގައި ދިވެހި ރުފިޔާ ވެސް ނެތީ. އެހެންވީމާ މިހާރު އެސްޓީއޯ އަށް ގެންނަ ތެޔޮ އިމްޕޯޓު ކުރުމާއި އެއަށް ފައިސާ ދެއްކުމާ މިއީ ދައުލަތުގެ މާލިއްޔަތަށް ބުރައަކަށް ވެފަ އޮތް ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އެސްޓޯއޯގައި އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި އިރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އިން 154 މިލިއަން ރުފިޔާ ނެރެފައިވާ ކަމަށެވެ. އަދި އެތަނަށް އޭރު ފައިދާގެ ގޮތުގައި ލިބުނު ފައިސާ އިން ރާއްޖޭގައި އެތަކެއް ސިނާއަތްތަކެއް ތަރައްގީކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ބަލާލީ އެސްޓީއޯ އޮތް ހިސާބު. އެސްޓީއޯ އިން ވަކިވެގެން އަޅުގަނޑު ދިޔަ އިރު ސާފު ފައިދާގެ ގޮތުގައި އެތައް ބައިވަރު ސިނާއަތްތަކެއް ތަރައްގީކޮށް ސާފު ފައިދާގެ ގޮތުގައި 154 މިލިއަން ރުފިޔާ ނެރުނު ކުންފުންޏެއް އެސްޓީއޯ އަކީ. އަދު އެސްޓީއޯ އެ އޮތީ ބަނގުރޫޓުވެފައި. ހަމަ ބަނގުރޫޓުވެފައޭ މިދަންނަވަނީ. އެސްޓީއޯ އަކު ނެތް ފައިސާއެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެސްޓީއޯގައި އުޅުއްވި ދުވަސްވަރު ނާޖާއިޒު ގޮތުގައި ފައިސާތަކެއް ނަންގަވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކަށް ރައީސް މިރޭ ވަނީ ރައްދު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެސްޓީއޯގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެންމެ ފުރަތަމަ ލިބިވަޑައިގަތީ 50ރ.ގެ އެލަވެންސެއް ކަމަށާއި އޭގެ ފަހުން އެމަނިކުފާނު ރައީސް އޮފީހުގައި އެދިވަޑައިގަތުމުން އެ އެލަވަންސް 1000 ރުފިޔާ އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެސްޓީއޯގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި މާލީގޮތުން އިތުރު އެއްވެސް އިނާޔާތެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހުޅުމާލެ އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ޚާއްސަކޮށް ޒުވާނުންނަށް ހުޅުމާލެ ވެގެންދާނީ ވަރަށް ފަހި ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.