22 Nov 2013, 22:26
އެމްއެންސީ ކަޕް 2013ގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ކުޅުނު ދެވަނަ މެޗުގައި މިއަދު ލާއޮސް އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ޖަކާޓާގެ ގެލޯރާ ބަންގް ކާނޯ ސްޓޭޑިއަމްގައި މިއަދު މެންދުރުފަހު ކުޅުނު މެޗުގައި ލާއޮސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނިޓްގައި އެޓީމްގެ ފޮއުތަސޭ އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޮއުތޯނޭ އެވެ.
ރާއްޖޭ ޓީމުން މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އެވެ.
ހަތަރު ޓީމް ވާދަކުރާ މި މުބާރާތުގައި މިއަދު ރާއްޖެއަތުން މޮޅުވެ ލާއޯސްވަނީ، ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލާފަ އެވެ. ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި ރާއްޖެ އޮތް އިރު ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އިންޑޮނީޝިއާ އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. މުބާރާތުގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު އެއްވެސް މެޗަކުން މޮޅު ނުވެ ތާވަލްގެ ފުލުގައި އޮތީ ޕަޕުއާ ނިއުގިނީ އެވެ.
ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު ތާވަލުގެ އެއްވަނައިގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު ޕަޕުއަ ނިއުގިނީ އަތުން އިންޑޮނީޝިއާ މޮޅުވީ 6-0 އިންނެވެ. ޕަޕުއަ ނިއުގިނީއާ ވާދަކޮށް އެޓީމުއަތުން ރާއްޖެ އިއްޔެ މޮޅުވީ 1-0 އިންނެވެ.
އިންޑޮނީޝިއާގައި ކުރިއަށް ގެންދާ 23 އަހަރުން ދަށުގެ މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އާދީއްތަ ދުވަހު ކުޅޭނީ އިންޑޮނީޝިއާއާ ދެކޮޅަށެވެ.